އައިޝް މަނިރަތްނަމްގެ ފިލްމެއް ކުޅުމަށް ސޮއި ކޮށްފި

މިސް ވޯލްޑް އަދި ބަތަލާ އައިޝްވަރިޔާ ރާއީ ޑައިރެކްޓަރު މަނިރަތްނަމްގެ ފިލްމެއް ކުޅުމަށް ސޮއި ކޮށްފިއެވެ.
އައިޝް އެންމެ ފަހުން ކުޅުނީ އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯ އާއެކު "ފެނޭ ޚާން" އެވެ. 2018 ގައި އެ ފިލްމު ނެރުމަށްފަހު އަދި މިހާތަނަށް އައިޝް އެހެން ފިލްމެއް ކުޅުމަށް ސޮއި ކޮށްފައެއް ނުވެއެވެ.
ކޭންސް 2019ގެ ރެޑް ކާޕެޓުގައި އައިޝް އަމިއްލައަށް ވަނީ އެ ފިލްމު ކުޅުމަށް ސޮއި ކުރިކަން ހިއްސާކޮށްފައެވެ. އައިޝް ބުނީ މަނިރަތްނަމްއާއެކު މަސައްކަތް ކުރަން އަބަދުވެސް ބޭނުންވާ ކަމަށެވެ. އައިޝް ވަނީ މަނިރަތްނަމް އަކީ އޭނާގެ ގުރޫ ކަމުގައި ބުނެފައެވެ.
އައިޝް ބޮލީވުޑަށް ނުކުތީ މަނިރަތްނަމްގެ ފިލްމަކުންނެވެ. އެއީ ފިލްމު "އިރުވަރު" އެވެ. އެ ފިލްމަކީ ދިހަ ވަނަ ގަރުނުގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި އައިޝް ކުޅެފައިވަނި ރަސްކަމުގެ ޗާންސެލާ އަދި ޓްރެޝަރާގެ މަގާމުގައި ހުރި މީހާގެ އަނބިމީހާގެ ރޯލެވެ. އެ ރޯލަކީ ބާރު ހޯދުމަށް އަދި ފިރިމީހާ މެނުޕިއުލޭޓް ކޮށްގެން އެ ރަސްކަން ހޯދުމަށް މަސައްކަތް ކުރި އަންހެނެއްގެ ރޯލެވެ.
އަޑުތައް ފެތުރިގައިވާ ގޮތުގައި މަނިރަތްނަމް އާއެކު އައިޝް މިހާރު ސޮއި ކުރި ފިލްމުގައި އޭނާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ މޯހަން ބާބޫ އެވެ. ނަމަވެސް ރަސްމީކޮށް އެކަން އަންގާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ