ސުނާމީއާ ގުޅިގެން އާންމުންނަށް ދޫކޮށްފައި ހުރި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައިފި

ދެހާސް ހަތަރު ވަނަ އަހަރު ހިނގި ސުނާމީގެ ކާރިސާއާ ގުޅިގެން ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަމިއްލަ ފަރުދުންނަށް ދޫކުރި ހުރިހާ ލޯންތައް ސަރުކާރުން ދައްކައިދީ ހަލާސްކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މިއަދު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް 30.4 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. ނަމަވެސް ރައީސްގެ ނިންމެވުމުގެ މަތިން ސަރުކާރުން މިއަދު 15.2 މިލިއަން ރުފިޔާ ދައްކާފައިވާާ ކަމަށާއި އަދި ބާކީ ހުރި 15.2 މިލިއަން ރުފިޔާ ބެންކުން މާފުކޮށްދީފައިވާ ކަމަށެވެ.
ރައީސް އެގޮތަށް ނިންމެވީ ލޯނުތައް ދޫކޮށްފައިވާ ފަރުދުން ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި، ލޯނު ނުދައްކާ ގިނަ ދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށް ފަހު އެވެ. އަދި ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނެތްކަމުގައި ވެސް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ