ހުޅުލޭ ނެރު ފުންކުރާއިރު ފަޅަށް ވަނުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ހުޅުލެއަށް ވަންނަ ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، ހުޅުލޭ ފަޅަށް ވަދެ ނުކުތުމުގައި ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން އިލްތިމާސް ކޮށްފިއެވެ.އެމްއޭސީއެލްއިން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ހުޅުލޭ ނެރު ބަންދު ނުކޮށް ކުރަން ހަމަޖެހިފައިވާ މަސައްކަތަކަށްވާތީ ހުޅުލޭ ފަޅަށް ވަދެ ނުކުތުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.އެމްއޭސީއެލްއިން ބުނީ ހުޅުލެއަށް ވަންނަ ނެރު ފުންކުރުމުގެ އިތުރުން، ނެރުގައި ރިފްލެކްޓަރ ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.ހުޅުލެއަށް ވަނުމަށްޓަކައި މިހާރު ބޭނުން ކުރަމުން އަންނަނީ ރައީސް ޔާމީންގެ ސަރުކާރުގައި އަލަށް ހަދާ ބޭނުންކުރަން ފެށި ނެރެކެވެ. މިދިޔަ އަހަރު އާ ނެރެއް ހަދާ ބޭނުން ކުރަން ފަށާފައި ވަނީ ކުރިން ބޭނުންކުރަމުން ދިޔަ ނެރު ހުރި ސަރަޙައްދު ބަންދުކޮށް، އެ ސަރަޙައްދު ހިއްކާ ޕާކިން އޭރިއާއެއް ހެދުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ