އަންހެނުން ފަނޑިޔާރުކަންކުރުން އިސްލާމީ ޝަރީޢާ ހުއްދައެއް ނުން- ފަތުވާދޭ އެންމެ މަތީ މަޖިލިސް

އަންހެނުން ފަނޑިޔާރުކަންކުރުން އިސްލާމީ ޝަރީޢާ ހުއްދަ ނުކުރާކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ނެފައިވާ ފަތުވާއެއް އާއްމުވެއްޖެއެވެ. އަންހެނުންނަށް ފަނޑިޔާރުކަން ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ދެ ނަންފުޅު އިޢުލާން ކުރެއްވުމާއެކު ހާމަވެގެން ދިޔަ ފަތުވާއަކީ މިދިޔަ ޖުލައިމަހު 9 ވަނަ ދުވަހު ނެރުއްވައިފައިވާ ފަތުވާއެކެވެ. ރާއްޖޭގެ ބައެއް ޢިލްމުވެރިން ވެސް ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެ ނަންފުޅުތައް އަނބުރާ ނެންގެވުމަށް ގޮވާލައްވަމުންނެވެ. މިކަމާމެދު އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް އިސްލާމީ ފަތުވާ ދޭ އެންމެ މތީ މަޖިލީހަކީ އެމިނިސްޓްރީގެ ދަށުގައި އޮންނަ މަޖިލީހެކެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ނެރުއްވައިފައިވާ އެ ފަތުވާގައި ބުނެފައިވަނީ އެ މަޖިލީހުން ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާޢު އާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ ގޮތުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް ހޯދުމަށް ކުރެއްވި ދިރާސާއިން އެނގުނު ގޮތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން، އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އޮންނަ ކަމުގައެވެ.
ފުރަތަމަ ރައުޔު އަކީ:-
ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމުގައިވާ މާލިކީ މަޒްހަބާއި، ޝާފިއީ މަޒްހަބާއި، ހަންބަލީ މަޒްހަބާއި، ހަނަފީ މަޒްހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއާއިންގެ އަލްއިމާމިއްޔާއިންނާއި، ޝީއާއިންގެ ޒައިދީންނާއި، ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔެވެ. އެ ރައުޔުގައި ބުނަނީ އެއްވެސް ކަހަލަ ޤަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ގިޞާސް އާއި، ހައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް، އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް، އެ މައްސަލަތައް ބަލައި ހުކުމް ކުރުމަށް، އަންހެނަކާ ހަވާލު ކުރުމީ ހުއްދަ ނޫން ހަރާމް ކަމެކެކެވެ. އަދި އެކަމުގައި ހަވާލުކުރި މީހާއާއި ހަވާލު ކުރެވުނު މީހާ ވެސް ފާފަވެރިވާނެ ކަމަށެވެ. އަދި އެ ޙުކުމަކީ، ހައްޤަށް ވާސިލް ވިޔަސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.
ދެވަނަ ރައުޔުއަކީ:-
އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި، ޤިސާސް ހިފުމުގެ ޤަޒިއްޔާތައް ފިޔަވައި އެހެން ހުރިހާ (އެއީ މާލީ މައްސަލަތަކާއި އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި، އަދި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ބުނާ ރައުޔެކެވެ. އެއީ ހަނަފީ މަޒްހަބުގެ މަދު އިލްމުވެރިންގެ ރައުޔެކެވެ. މިޤައުމުގެ އިލްމުވެރިންގެ ދަލީލަކީ އަންހެނާގެ ހެކިބަސް ޤަބޫލު ކުރެވޭ ކަންކަމުގެ މައްޗަށް ގިޔާސްކޮށް، އެކަން ކަމުގައި އޭނާއަށް ހުކުމް ކުރުމުގެ އިހުތިޔާރު އޮތުމެވެ.
ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 282 ވަނަ އާޔަތުގައި، މާލީ ކަންކަމުގައި، ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ގަބޫލު ކުރެވޭ ގޮތަށް އޮތުމުން، އަންހެނުންނަށް، ހައްދުތަކާއި، ޤިސާސް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައި ފަނޑިޔާރުކަން ކުރެވޭނެ އެވެ. އެއީ މާލީ ކަންތައްތަކާއި އަންހެނުން އާދަކޮށް ދެކެއުޅޭ ކަންތައް ކަމުގައިވާ ހައިޟު ނިފާސާއި، ބަލިވެ އިނުމާއި، ކިރުދިނުމާއި، އިއްދާގައި އިނުމުގެ މައްސަލަތައްފަދަ މައްސަލަތަކެވެ.
ތިންވަނަ ރަޢްޔު އަކީ:-
އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި، އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެވެ. މި ރައުޔުގެ ވެރިޔަކީ އަލްއިމާމުއް ތަބަރީ އެވެ. މި ރައުޔަށް ތާއީދުކުރާ އެއްވެސް ދަލީލެއް ނެތެވެ. އަދި މިއީ އަލްއިމާމުއް ތަބަރީގެ ރައުޔެއްކަން އެނގޭ އެއްވެސް ލިޔުމެއް ނެތެވެ. އޭނާއަކީ، ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއެކެވެ. އެހެންކަމާއެކު ވެސް އެއިން އެއްވެސް ފޮތެއްގައި މި ރައުޔުގެ ވާހަކަ ލިޔުއްވާފައެއް ނުވެއެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާގައި ބުނެފައި ވަނި އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން، ނެރެފައިވާ ތިން ރަޢުޔުގެތެރެއިން އެންމެ ހަރުދަނާ ރަޢްޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔެވެ. އެއީ އެރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަ ކަމުންނާއި، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީ ކަމަށެވެ. އަދި އެމަޖިލީހަށް ބޮޑަށް ބުރަ ވެވެނީ ވެސް ފުރަތަމަ ރައުޔަށް ކަމަށް ފަތުވާގައި ވަނޯ ބަޔާން ކުރައްވައިފަވެ.
ދެވަނަ ރައުޔަކީ، ދަލީލުގެ ގޮތުން ބަލިކަށިވެފައި، އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައިނުވާ ރައުޔަކަށްވާތީ، އެރައުޔުގެ ބުރަދަނެއް ނުވާކަން ފާހަގަކުރެވޭ ކަމަށް ފަތުވާގައި ވަނީ ބަޔާން ކުރައްވައިފައެވެ. ތިންވަނަ ރައުޔަކީ، ދަލީލެއް ނެތިފައި، އަލްއިމާމުއްތަބަރީގެ ބަސްފުޅެއް ކަމާމެދު ޝައްކު އުފެދިފައިވާ ރައުޔަކަށްވާތީ، އެރައުޔުގެ ވެސް ބުރަދަނެއް ނެތް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ