އެއް ގައުމާއި އަނެއް ގައުމާ ގުޅިގެން ނޫނީ ގައުމެއްގެ ރައްޔިތުންގެ ތަރައްގީ ހޯދަން ވަރަށް ދަތިވާނެ: ނަޝީދު

ދުނިޔޭގައި އެއް ގައުމާއި އަނެއް ގައުމާ ގުޅިގެން ނޫނީ ގައުމެއްގެ ރައްޔިތުންގެ ތަރައްގީ ހޯދަން ވަރަށް ދަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ދެއްވި ހިޠާބުގައި ވިދާޅުވީ މިއަދު މި ފާހަގަކުރަނީ ސިޔާސީ މިނިވަންކަން ކަމަށާއި މިއަދު ފާހަގަ މިކުރަނީ އެހެން ބޭރު ގައުމެއްގެ އިސްތިއުމާރުގައި މި ދިވެހިރާއްޖެ މިހާރު ނެތްކަން ކަށަވަރުވާ ކަށަވަރުވުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މި ދުނިޔެއަކީ ލާމެހިފައިވާ ދުނިޔެއެއް. މިއަދުގެ ދުނިޔޭގައި އެއް ގައުމާއި އަނެއް ގައުމާ ގުޅިގެން ނޫނިއްޔާ ގައުމެއްގެ ރައްޔިތެއްގެ ތަރައްގީ ހޯދަން ވަރަށް ދަތިވާނެ. ދިވެހިރާއްޖެއަކީ އދ. ގެ މެމްބަރެއް. އަދި ދިވެހިރާއްޖޭގެ އެހެންވެސް އެތައް ބައިނަލްއަގުވާމީ ޖަމާއަތެއްގެ މެމްބަރެއް. އެހެންވީމާ އޭގެ ސަބަބުން އެހެން ގައުމުތަކާ ގުޅެން ޖެހޭ މިންވަރާއި ގުޅޭ ގުޅުން، އެއީ އަޅުގަނޑުމެންގެ މިނިވަންކަން މިނެކިރުމުގައި މިއަދު ބޭނުންކުރާ އަސްލެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބި، އަމިއްލަ ގައުމެއްގެ ގޮތުގައި ރާއްޖެއަށް މަސައްކަތްކުރުމުގެ ފުރުސަތު މާ ސާފުކޮށް ލިބިފައިވާ ކަމަށާއި ދިވެހީން އެ ފުރުސަތު ކުޑަކޮށް ވެސް ގެއްލުވާ ނުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަދި ފިރުކި ދާ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ވެސް އަޅުގަނޑުމެންގެ ތެރެއަކު ނުގެންގުޅޭނެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގާނޫނުތަކުން އަބަދުވެސް މިނިވަންކަމުގެ ދުވަސް ބަދަލުވެ، އައިސް ގޮސް، ފާހަގަވަމުން މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިއަދުގެ ގާނޫނު އަސާސީގައި މި ދުވަސް މިއީ މިނިވަން ދުވަހުގެ ގޮތުގައި ސާފު އިބާރާތުން ކަނޑައަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ