ފަނޑިޔާރުންގެ ބިލު އެޖެންޑާކޮށް މާދަމާ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި

38: 23 - އެޖެންޑާގެ ކުރިއަށް ފަނޑިޔާރުންގެ ބިލު ތާވަލުކޮށް މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވާނެކަން މަޖިލިހުގެ އިދާރާއިން އިއުލާން ކޮށްފި އެވެ.
އިންތިގާލީ މަރުހަލާގެ މަސައްކަތްތަކުގެ ތެރެއިން، ފަނޑިޔާރުންގެ ބިލު ފާސްކުރުމާއި އުއްތަމަ ފަނޑިޔާރު ކަނޑައެޅުމާ ދެ ކަމުން ކުރެ ފުރަތަމަ ނިންމާނީ ކޮން ކަމެއް ކަމާމެދު އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކުގެ ހިޔާލު ތަފާތުވުން ބޮޑުވެ، އެއިން އެއްވެސް ކަމެއް ނުނިންމި އިންތިގާލީ މުއްދަތު ހަމަވުމަށް ފަހު މާދަމާ 00: 10 ގައި ޖަލްސާއެއް ބާއްވަން މި ހަމަޖެއްސީ ދެ ފަރާތުގެ މަޝްވަރާތަކަކަށް ފަހު އެވެ.
އެމްޑީޕީން ދޫދިނުމަށް ފަހު، ފަނޑިޔާރުންގެ ގާނޫނު ފުރަތަމަ ނިންމުމަށް އެއްބަސްވެފައިވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ލީޑަރު ރީކޯ މޫސާ މަނިކު މިއަދު ހަވީރު ވިދާޅުވެފައިވެ އެވެ.
މާދަމާގެ އެޖެންޑާގައި އުއްތަމަ ފަނޑިޔާރު ކަނޑައެޅުމެއް ނުހިމެނެ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބިލު ރައީސް މުހައްމަދު ނަޝީދު ތަސްދީގު ކުރެއްވުމުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދުގެ މަޝްވަރާތަކުގައި ވަނީ އެއްބަސްވެފަ އެވެ.
ފަނޑިޔާރުންގެ ބިލުގެ އިތުރުން، ސަފީރުން ކަނޑައެޅުމަށް ރައީސް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ވެސް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
އިންތިގާލީ މަރުހަލާއާ އެކު ބައެއް ސަފީރުންގެ ސަފީރުކަން ނިމިފައިވާ ކަމަށް ކަނޑައަޅައި ސަރުކާރުން ވަނީ އެ ބޭފުޅުން ގޭގައި މަޑުކުރެއްވުމަށް އަންގާފަ އެވެ. ނަމަވެސް ވަގުތީގޮތުން ހިންގެވުން ހަމަ އެ ބޭފުޅުންނާ ހަވާލު ކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދު ކުރިން ވިދާޅުވެފައިވެ އެވެ.
25: 16 - އެމްޑީޕީން ކުރިން ބުނި ގޮތާ ހިލާފަށް ދޫ ދިނުމަށް ފަހު ފަނޑިޔާރުންގެ ގާނޫނު ފުރަތަމަ ފާސް ކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު ރީކޯ މޫސާ މަނިކު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.
މޫސަ ހަވީރަށް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނު ފާސްކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ކަނޑައެޅުމަށް ޕާޓީތަކުގެ މަޝްވަރާތަކުގައި އެއްބަސްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މާދަމާގެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް މިހާރު މަސައްކަތް ކުރިއަށް ގެންދެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މާދަމާގެ ޖަލްސާގެ އެޖެންޑާ ކުޑައިރުކޮޅެއްގެ ތެރޭގައި މަޖިލިހުގެ އިދާރާއިން އިއުލާން ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ