ހައްޖަށް ދާ މީހުންނަށް ވެސް ދިވެހި ބޭންކުން ޑޮލަރު ލިބުމުގައި ތާށިކަމެއް

ޑޮލަރު ވިއްކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ހައްޖުވެރިންނަށް ޑޮލަރު ލިބުން ވެސް ވަރަށް ބޮޑަށް ތާށިވެއްޖެ އެވެ.
އެ ބޭންކުން ކޮންމެ ދުވަހަކު ހައްޖުވެރިންނަށް ޑޮލަރު ވިއްކާ ކަމަށް ބުނި ނަމަވެސް ހައްޖުވެރިންނަށް ވެސް ޑޮލަރު ލިބެނީ އާއްމުކޮށް ޑޮލަރު ގަތުމަށް ހަދާ ކިޔޫގައި ތިބެގެންނެވެ. އަދި ކިޔޫގައި ތިއްބަސް ޑޮލަރު ލިބެނީ ވެސް ބޭންކުން ވިއްކަން ކަނޑައަޅާ މިންވަރަށެވެ.
ބޭންކުގެ އޮފިޝަލަކު، ނޫހުގައި ނަންނުޖެހުމަށް އެދި، ބުރާސްފަތި ދުވަހު ވިދާޅުވީ މީހަކަށް 500 ޑޮލަރުގެ ރޭޓުން ހައްޖުވެރިންނަށް ކޮންމެ ދުވަހަކު ވެސް ޑޮލަރު ވިއްކާ ކަމަށެވެ. ނަމަވެސް ޑޮލަރު ލިބޭނީ ކިޔޫ ހަދައިގެން ތިބޭ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްޖުވެރިންނަށް ޑޮލަރު ވިއްކަނީ ހައްޖު ކާޑު ގެނައުމުން މީހަކަށް 500 ޑޮލަރުގެ ރޭޓުން. މިއަދު ވިއްކަން ކަނޑައެޅި އަދަދު ހަމަވި އިރު ކިޔޫގެ ދެ ބައިކުޅަ އެއްބަޔަށް ވެސް ޑޮލަރު ނުވިއްކޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ބީއެމްއެލްގެ މެއިން ބްރާންޗް ތެރެއިން ދިމާވި މީހަކު ބުރާސްފަތި ދުވަހު ބުނި ގޮތުގައި ގިނަ މީހުން ހީކުރަނީ ކިޔޫގައި ނުޖެހި ހައްޖުވެރިންނަށް ޑޮލަރު ގަންނަން ލިބޭ ކަމަށެވެ.
"މިތަނަށް މިއަދު ވެސް އެތައް ބަޔަކު ހައްޖު ކާޑު ހިފައިގެން އަތުވެއްޖެ ޑޮލަރު ގަންނަން. އެކަމަކު މި ތަނަށް އައިމަ ގިނަ މީހުންނަށް އެނގެނީ ކިޔޫގައި ޖެހިގެން ކަން ޑޮލަރު ލިބެނީ. ބޭންކުން އެބަ ބުނޭ ހައްޖުވެރިންނަށް ޑޮލަރު ލިބޭ ކަމަށް. އެކަމަކު މިއީ މިކަން އޮންނަ ގޮތް،" އޭނާ ބުންޏެވެ.
ބީއެމްއެލް އިން އާއްމުންނަށް މިހާރު ވިއްކަނީ ދުވާލަކު 100 ޑޮލަރެވެ. އަދި ބިދޭސީންނަށް އެއްގޮތަކަށް ވެސް ޑޮލަރު ނުވިއްކާ ކަމަށް އެ ތަނުން ދިމާވި މީހާ ބުންޏެވެ. ބޭންކުގެ އޮފިޝަލް ވިދާޅުވީ ޑޮލަރު ވިއްކުން ކޮންޓްރޯލްކުރަން ޖެހުނީ ޑިމާންޑާ އެއްވަރަަށް ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށެވެ.
"އެމްއެމްއޭ އިން ހަފުތާއަކު ވަކި ވަރަކަށް ބޭންކުތަކަށް ޑޮލަރު ވިއްކަނީ. ހަމަ އެ ލިބޭ މިންވަރަކުން އާއްމުންނަށާއި ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކަމުން ދަނީ. ޑޮލަރު ކިތަންމެ ތާށިވިޔަސް ބޭންކުން ކުރާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މި އަހަރު ހައްޖަށްދާ މީހުންގެ ތެރެއިން ބައެއް ޖަމާއަތްތަކުގެ މީހުން މިހާރު ވަނީ ފުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ