ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ބުރުނީ ސްކޫލްގެ ޕްރިންސިޕަލާއި ލީޑިން ޓީޗަރަކު ހައްޔަރުކޮށްފި

ތ. ބުރުނީ ސްކޫލުން 250،000 އަށް ވުރެ ގިނަ ރުފިޔާ ގެއްލުނު މައްސަލައެއްގައި ޕްރިންސިޕަލާއި ލީޑިން ޓީޗަރު އަދި ވޮޗަރު ހައްޔަރުކޮށްފި އެވެ.
ބުރުނީ ކައުންސިލް މެމްބަރަކު ވިދާޅުވީ ސްކޫލުގެ 280،000ރ. ގެއްލިފައި ވަނީ ސްޓާފް ރޫމުގެ ލޮކަރެއްގެ ތެރޭގައި ބަހައްޓާފައި ހުއްޓަ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ޕްރިންސިޕަލް އިބްރާހިމް ސިޔާމާއި ލީޑިން ޓީޗަރު ހަސަން ފަރީދު އަދި ވޮޗަރަކަށް ހުރި މީހާ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފައިސާތައް ގެއްލިގެން ލިބުނު ރިޕޯޓަކާ ގުޅިގެން ސްކޫލުގެ ދެ ވެރިއަކާއި ވޮޗަރު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. އެ ތިން މީހުން ހައްޔަރުކުރީ ސަރުކާރުގެ ފައިސާ ގެންގުޅޭ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ވޭމަންޑޫގައި ތިބީ،" އޮފިޝަލް ވިދާޅުވި އެވެ.
ބުރުނީ ކައުންސިލަރަކު ވިދާޅުވީ ތިޖޫރިން އެ ފައިސާ ސްޓާފް ރޫމުގެ ލޮކަރަކަށް ލީ މިދިޔަ މަހު ފަހުކޮޅު ބޭއްވި ދިވެހި ޓެސްޓު ޕޭޕަރުތައް ތިޖޫރީގައި ބެހެއްޓުމަށް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ޓެސްޓު ނިންމައި ޕޭޕަރުތައް މިދިޔަ މަހުގެ 22 ގައި ތިޖޫރިން ނަގާފައި ވަނީ. އޭގެ ފަހުން ވެސް ލޮކަރުގައި ހުރި ފައިސާ ތިޖޫރި އަށް ބަދަލުނުކޮށް ހުއްޓައި ގެއްލުނީ. އެ ލޮކަރުގައި އާދައިގެ ތަޅެއް އަޅުވާފައި ހުއްޓާ އެ ތަޅު ހުޅުވައިގެން ކަމަށް ބެލެވެނީ ފައިސާ ގެންދިޔައީ،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުން ފައިސާ ގެންގޮސްފައި ހުރި އިރު ލޮކަރަށް އަދި ސްޓާފް ރޫމުގެ ދޮރަކަށް ވެސް ގެއްލުން ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ