ހަ ޕާޓީއެއްގެ ފައިސާ ހިފަހައްޓައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރަނީ

މި އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައިވާ 14.5 މިލިއަން ރުފިޔާގެ ތެރެއިން ހަ ޕާޓީއެއްގެ ފައިސާ ވަގުތީ ގޮތުން ހިފަހައްޓައި އަނެއް ނުވަ ޕާޓީގެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މި އަހަރަށް ކަނޑައެޅި 14.5 މިލިއަން ރުފިޔާގެ 40 ޕަސެންޓަށްވާ 5.8 މިލިއަން ރުފިޔާ ބަހާފައިވަނީ ޕާޓީތަކަށް ހަމަހަމަ އަށެވެ. އަދި 60 ޕަސެންޓަށްވާ 8.7 މިލިއަން ރުފިޔާ ބަހާފައިވަނީ ޕާޓީތަކުގެ ސައްހަ މެމްބަރުންގެ ނިސްބަތަށް ބަލައިގެންނެވެ.
އެ ކޮމިޝަނުން މި ވަގުތަށް ފައިސާ ދޫނުކޮށް ހިފަހައްޓާފައިވަނީ މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި ސޯޝަލް ލިބަރަލް ޕާޓީ (އެމްއެސްޕީ) އާއި ޕީޕަލްސް ޕާޓީ އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވްސް ނެޝެނަލް ކޮންގްރެސް އާއި މޯލްޑިވިއަން ލޭބަ ޕާޓީ އަށް ލިބެންޖެހޭ ފައިސާ އެވެ.
އެ ހަ ޕާޓީގެ ތެރެއިން ތިން ޕާޓީއެއްގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ އިރު އަނެއް ތިން ޕާޓީ އަށް ފައިސާ ދޫކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް އިލެކްޝަނުން ބުންޏެވެ.
މި އަހަރު ވެސް މެމްބަރުންގެ ނިސްބަތަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އެ ޕާޓީގައި ތިބި 47،000 އަށް ވުރެ ގިނަ މެމްބަރުންގެ އަދަދަށް ބަލައި އެ ޕާޓީ އަށް މި އަހަރު 3.7 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށް 2.4 މިލިއަން ރުފިޔާ ދޫކުރާއިރު ތިން ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް 1.3 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ހަމަޖައްސާފައިވެ އެވެ.
އަދާލަތު ޕާޓީ އަށް މި އަހަރު 822،144ރ. ލިބޭއިރު ޖުމްހޫރީ ޕާޓީ އަށް 749،161ރ. ލިބެ އެވެ. އަދި އައިޑީޕީ އަށް 513،915ރ. އެމްއެސްޑީޕީ އަށް 528،294ރ. ކަނޑައަޅާފައިވެ އެވެ. މި އަހަރުގެ ބަޖެޓުން ސޯޝަލް ލިބަރަލް ޕާޓީ އަށް 336،123ރ. އަދި ޕީޕަލްސް ޕާޓީ އަށް 516،355ރ. ކަނޑައަޅާފައިވެ އެވެ. މޯލްޑިވްސް ނޭޝެނަލް ކޮންގްރެސް އަށް 467،025ރ. ދޫކުރާއިރު ޕީޕަލްސް އެލަޔަންސަށް 573،988ރ. ދޫކުރާނެ އެވެ. މޯލްޑިވިއަން ލޭބަ ޕާޓީ އަށް 404،529ރ. އަދި ގައުމީ އިއްތިހާދަށް 575،054ރ. ދޫކުރާ ގޮތަށް ހަމަޖައްސާފައިވެ އެވެ. ދިވެހި ގައުމީ ޕާޓީ އަށް 551،745ރ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް 574،201ރ. ކަނޑައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ