ކޮވިޑް ޖެހިގެން ފަސް ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފަސް ވަނަ މީހަކު މަރުވެފައި ވެއްޖެ ކަމަށް އެންއީއޯސީން މިރޭ ބުނެފި އެވެ.
މަރުވެފައިވަނި ބަންގްލަދޭޝް މީހެކެވެ. އޭނާ ފެނިފައިވަނީ މަގުމަތީގައި ހޭނެތިފައި އޮތްވަކަމަށާއި އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެންއޯސީން ބުންޏެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެންއީއޯސީން ވަނީ ބުނެފަ އެވެ.
އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަރުވެފައިވަނީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެއްސެއްގެ ގާތުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެއް ކަމަށާ އޭނާއަކީ ހިތުގެ ބަލި މީހެއް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
އެމީހާގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަން ހުރިކަމެއް އެނގިފައިނުވާ ކަމަށާއި އެމީހާ މަސައްކަތަށްވެސް ނުނިކުންނަތާ ދެ މަސްދުވަސް ވެފައިވާކަމަށްވެސް މަބުރުކު ވިދާޅުވި އެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން މިހާތަނަށް ހެދި ކޮންޓެކްޓްރޭސިންގެ ތެރެއިން ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މީހާއަކީ ބަންގްލަދޭޝްގެ ބަޔަކާއެކު އުޅެމުންދިޔަ މީހެއް ކަމަށާ އެެހެން ކަމުން ގިނަ ބަޔަކަށް އޭނާގެ ފަށުން ބަލިޖެހުމުގެ ފުރުސަތު ނެތް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
މި މީހާއާއެކު ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު މި ވަނީ 5 އަރާފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ