ނަޝީދު ރިޔާސީ ޓިކެޓް ހޯދަނީ، ރޮޒައިނާ ކޯލިޝަންގެ ކެންޑިޑޭޓަކު ހޯދަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާ "ސްކައިޕް" ވެދުވެރިކޮށް ކެމްޕޭން ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ރައީސް ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ފެއްޓެވުމާއި އެކު އިދިކޮޅު ހުރިހާ ފަރާތްތަކެއް ގަބޫލު ކުރާ އެއް ކެންޑިޑޭޓެއް ނެރުމުގެ އަޑު ވަނީ މަޑުވެފައެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިވަނީ އަނެއްކާވެސް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ވާހަކަ ރޭ ދައްކަވާފައެވެ.
"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކެމްޕޭން ނުކުރިޔަސް އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
ރޮޒައިނާ ވަނީ އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮޅުވާލުމަށް ކުރެވެން ހުރި ހުރިހާކަމެއް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ކުރާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފއައިޑީ ކާޑުތައް އުފެއްދުމާއި، އިތުރަށް ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ. އަދި އެކަކު ތިން ހަތަރު ފޮއްޓަށް ވޯޓުލުމާއި، ރަޖިސްޓްރޭޝަން ކަންތައްވެސް އޮޅުވާލާނެކަމަށް ގަބޫލުކުރެވޭކަމަށާއި ނަމަވެސް ރައްޔިތުން އެކަތި ގަނޑެއްގެ ގޮތުގައި ތިބިކަމަށްވާނަމަ މެލޭޝިޔާއިން ފެނިގެންދިޔަ ނަތީޖާ ރާއްޖެއިންވެސް ފެނިގެންދާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރައީސް ނަޝީދު ވަރަށް ފޯރި އާއި އެކު ކުރައްވަމުން ގެންދަވާއިރު އިތުރު ބޭފުޅަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އަދި އިއުލާނެއް ނުކުރައްވައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުން ރައީސް ނަޝީދުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުން އަދި ރައީސް ނަޝީދަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ