ބޯހިޔާވަހިކަމުގެ ވިޔަފާރިއަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ނިޒާމު: ނަޝީދު

ރާއްޖޭގައި ބޯހިޔާވަހިކަމަށް އެޅިފައިއޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި "ގްލެމާ ރެޒިޑެންސް" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަން ހޯދުން އެއީ ވިޔަފާރިއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމެއް ކަމަށެވެ.
އެގޮތުން ބޯހިޔާވަހިކަން ހޯދުމަށް ފުލެޓް ރަހުނުކޮށް، ބޭންކުން ލޯނު ނެގުމަށްފަހު އަނބުރާ ލޯނު ނުދެއްކިއްޖެނަމަ ބޭންކަށް ފުލެޓް ނަގަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބޭންކަށް އެ ފުލެޓް ނަގައި، އެހެން މީހަކަށް ވިއްކާ ނުލެވޭނެނަމަ ބޭންކުގައި ފައިސާ ނެތި، ލޯނު ދެވެންހުރި އަދަދު އެތައް ތަނަކުން ކުޑަވެގެންދާނެ ކަމަށެވެ.
''މި ވިޔަފާރިއަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމު. ޝަރުއީ ނިޒާމު މިއޮތް ގޮތުން ބޭންކުތަކުގެ ނުހިނގާ ހުރި އެކައުންޓްތަކުގެ ވަރަށް ގިނަ އަދަދެއްގެ މައްސަލަތައް މި ހުންނަނީ ނުނިމި ކޯޓުތަކުގައި. އެހެންވީމާ ބޭންކުތަކަށް އޭގެން ދަތިވަނީ އެހެންވީމާ މޯގޭޖު ދިނުމަށް އުނދަގުވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ހޯދަން އުނދަގޫވޭ. ރީތި ދިރިއުޅުމެއް އުޅެން އުނދަގޫވޭ,'' ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކަށް ވާނީ އެފަދަ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް ގާނޫނުތައް އެކުލަވާލުން ކަަމަށާއި އޭގެ އިތުރުން ކޯޓުތައް ރަނގަޅު ކުރުން ކަމަށެވެ. އަދި އެކަމަކީ ފާއިތުވި 15 އަހަރުތެރޭގައި ވެސް ފެނިފައިވާ ކަންތައްތައްކަން ފާހަގަކުރައްވާ ވިދާޅުވީ މިސަރުކާރުން އެފަދަ މައްސަލަތައް ރަގަޅު ކުރާނެ ކަމަށެވެ.
އަދި ޓެންޑާ ކުރުމުގެ އުސޫލުތަކާއި ޓެންޑާ ކުރުމުގެ ހަމަތަކަކީ ގާނޫނާއި ގަވާއިދުން ސާފުވެފައި އޮންނަން ޖެހޭނެ ކަމަށާއި ޓެންޑާ ބޮޑުންކުރާ މަސައްކަތް ވެސް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ