މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް 13 ވަޒީރަކު ހާޒިރު ކޮށްފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް 13 ވަޒީރަކު ހާޒިރު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރު ކުރައްވާފައި ނުވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުރުން، ހަ ވަޒީރެކެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.
ކޮމިޓީއަށް ވަޑައި ގެންނެވުމަށް އެ ވަޒީރުންނަށްވެސް ވަނީ ދަންނަވައިފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ވަޑައިނުގެންނެވުނީ ރަށުގައި ނޫޅުއްވާތީ ކަމަށާއި އަނެއްބައި ބޭފުޅުން ފާހަގަކުރައްވަން ބޭނުންވާ ސީރިއަސް މައްސަލައެއް ނެތުމުން ވަޑައިނުގަތީ ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވަން އަށް ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި، ނައިބު ރައީސް ފިޔަވައި ދެން ހިމެނި ވަޑައިގަންނަވަނީ، 20 ވަޒީރުންނެވެ. އެއީ ބަންޑާރަ ނާއިބު ހިމަނައިގެންނެވެ.
މިނިސްޓަރުން ހާޒިރު ކުރައްވައިގެން މިނިވަން މުއަައްސަސާތަކުގެ ކޮމިޓީގައި ކުރިއަށް ގެންދިޔައީ، މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިވިލް ސާވިސް ކޮމިޝަންގެ އެއްބާރުލުމާއި ސިވިލް ސާވަންޓުންގެ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.
މި ބައްދަލުވުމުގައި، ސިވިލް ސާވިސް ކޮމިޝަނުގެ ބޮޑެތި މައްސަލަތަކެއް ވަޒީރުން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ސިވިލްސާވަންޓުންގެ ހުރި ބައެއް މައްސަލަތައް ފާހަގަ ކުރެއްވުމުގެ އިތުރުން، ރަނގަޅު ގޮތުގައި ހިދުމަތް ލިބެމުން އަންނަ ސިވިލްސާވަންޓުންގެ މަސައްކަތްތައްވެސް ވަޒީރުން ފާހަގަ ކުރެއްވިއެވެ.
ސިވިލްސާވަންޓުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށްވެސް ބައެއް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ