ގދ. އަތޮޅު ކައުންސިލަރުން ހަފުތާއަކު އެއް ދުވަހު އޮފީހަށް ނުކުންނަން ނިންމައިފި

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން ކޮންމެ އަންގާރަ ދުވަހެއް ފިޔަވާ އެހެން ދުވަސް ދުވަހު ކައުންސިލްގެ އިދާރާއަށް ނުނިކުތުމަށް ނިންމައިފި އެވެ.
އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިޒާމް މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ބޭފުޅުންނަށް އަތޮޅުގެއިން އެކޮމެޑޭޝަން ހަމަޖެއްސެމަށް ޓަކައި ގައުމީ އިދާރާއަށާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ހުށަޅައިގެން ވެސް ކައުންސިލަރުން ދިރިއުޅުމަށް ރަނގަޅު ތަނެއް ލިބިފައި ނުމުވުމުގެ ސަބަބުން ޖަލްސާ ބާއްވާ ދުވަސް ކަމުގައިވާ އަންގާރަ ދުވަސް ފިޔަވައި އެހެން ދުވަސް ދުވަހު ތިނަދޫގައި ހުންނަ އަތޮޅު ކައުންސިލް އިދާރާއަށް ނުނިކުތުމަށް ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.
"ކައުންސިލަރުން ކުލިދައްކައިގެން އަތޮޅުގޭގެތެރޭގައި ތިބުމަށް އެދުމުން ވެސް އެކަން ވެސްވަނީ ގައުމީ އިދާރާއިން ގަބޫލްނުކޮށްފައި. އެކަމާ ގުޅިގެން ކައުންސިލަރުން ތިބެނީ ތިނަދޫގެ ހިއްކިބިމުން މަހަކު 6000 ރުފިޔާއަށް ކުއްޔަށް ހިފާފައިވާ ގެއެއްގައި. އަތޮޅުގޭގައި ހުރުމަށް ހަމައެކަނި ހުއްދަ ދީފައި ވަނީ ޑިއާރުޕީ އަށް ނިސްބަތްވާ މުހައްމަދު ޝާމިން އަށް އެކަނި،" ރައީސް މުހައްމަދު ނިޒާމް ވިދާޅުވި އެވެ.
ގދ. ކައުންސިލް އިދާރާގެ ރައީސް ވިދާޅުވީ މެމްބަރުން ރަސްމީ ދުވަސްތަކުގެ ތެރެއިން ޤާނޫނީ ޖަލްސާ އޮންނަ ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކައުންސިލް އިދާރާގައި މަސަތްކަތް ނުކުރި ނަމަވެސް އެވަގުތުތަކުގައި އަތޮޅު ކައުންސިލްގެ ރައީސް ނުވަތަ ނާއިބު ރައީސް އެ އިދާރާއާ ޙަވާލުވެ ހުންނަވާނެ ކަމަށެވެ. އަދި މެމްބަރުން އަތޮޅޫ ކައުންސިލް އިދާރާ އަށް ހާޒީރުނުވާ ދުވަސްތަކުގައި އެދާއިރާއެއްގެ މެންބަރު ނިސްބަތްވާ ރަށުގެ ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ނިންމީ ރަސްމީ ދުވަސްތަކުގެ ތެރެއިން ޤާނޫނީ ޖަލްސާ އޮންނަ ދުވަސް ފިޔަވައި ] އަންގާރަ ދުވަސް[ އެހެން ދުވަސް ދުވަހު އެ ދާއިރާއެއްގެ މެންބަރު ނިސްބަތްވާ ރަށުގައި ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އެހެންނަމަވެސް އެވަގުތަކު އަތޮޅު ކައުންސިލް އިދާރާއާ ޙަވާލުވެ ހުންނަވާ ރައީސް ނުވަތަ ނާއިބު ރައީސް ތިނަދޫގަ ހުންނަވާނެ." ނިޒާމް ވިދާޅުވި އެވެ.
ނިޒާމް އިތުރަށް ވިދާޅުވީ ކައުންސިލް ބައެއް މެންބަރުންގެ މިނިންމުމަށް ޢަމަލު ކުރަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށާއި އެއަށް ވުރެ ކުރިން އެ މައްސަލަތައް ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ