ކޮރަޕްޝަނުގެ ތުހުމަތެއްގައި މިފްކޯގެ އެމްޑީ އާއި ބޯޑު މެންބަރުންތަކެއް ވަކިކޮށްފި

މިފްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާފިއުއާއި ބޯޑު މެމްބަރު އަލީ ސައިފުއްދީނާއި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ވެރިޔަކު މިއަދު ވިދާޅުވީ އެ ތިން ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައިވާކަން މިހާރު އަންގާފައިވާ ކަމަށެވެ. ކުންފުނީގެ އެމްޑީ އާއި ބޯޑުގެ އެހެން ދެ މެންބަރުން މިވަގުތު ވަކި ކުރީ ބައުންސް ޗެކްތަކެއް މިފްކޯއަށް ބަލައިގަނެ މުދާ ދޫކުރި މައްސަލައެއް މިހާރު ހިލިގެން އުޅޭތީ ކަމަށާއި ބައުންސް ޗެކް ދޫކުރި ކުންފުނިތަކަކީ އެ ތިން ބޭފުޅުންގެ ވެސް މަސްލަހަތު އޮންނަ ކުންފުނިތަކެއް ކަން ރައީސް އޮފީހަށް ލިބިފައިވާ ލިޔުންތަކުން ފެންނަން ހުރުމުން މިމައްސަލައިގެ ތަހުގީގު ނިމި ޝަރުއީ މަރުހަލާ ވެސް ނިމެންދެން އެތިން ބޭފުޅުން މަގާމުގައި ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ މިގޮތަށް އަމަލު ކުރީ ކަމަށެވެ.
މަގާމުން ވަކި ކުރެވުނު އެމްޑީ ހަސަން ޝާފިއު ބައެއް މީޑިއާތަކަށް ދެއްވި އިންޓަރވިޔުގައި ވަކި ކުރެވުނު މެންބަރުންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ޗެކް ބައުންސްވޭތޯ އާއި ނުވޭތޯ ބެލުމަކީ ބޯޑުން ކުރާ ކަމެއް ނޫން ކަމަށާއި މިކަމުގައި އަމަލުކޮށްފައި އޮންނާނީ ހަމަ ބަރާބަރަށް ކަމުގައެވެ.
ވަކި ކުރެވުނު ތިން މެންބަރުންގެ ބަދަލުގައި އެހެން ބޭފުޅުންތަކެއް މިފްކޯގެ ބޯޑަށް އަދި އައްޔަން ނުކުރާ ކަމަށް ރައީސް އޮފީހުން މިއަދު ވީނިއުސްއަށް ކަށަވަރުކޮށްދީފައިވެއެވެ.
މިފްކޯގެ އެމްޑީ އާއި ބޯޑުގެ އެހެން ދެ މެންބަރުންގެ ކޮރަޕްޝަނެއް ނޯންނާނެ ކަމަށާއި ޗެކްތަކުގެ މައްސަލައިގައި އަމަލުކޮށްފައި އޮންނާނީ ބަރާބަރަށް ކަމަށް އެތިން ބޭފުޅުން ވިދާޅުވިއަސް އެ ތިން ބޭފުޅުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވީނިއުސްއަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައެއް އެބޭފުޅުންނާ ދެކޮޅަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ