ރައީސް ޔާމީން ފުލުސް އޮފީހުގައި ހަ ގަޑިއިރު، ބަޔާންތަކުގައި ސޮއި ކުރެއްވި

ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރެއްވީ ތަހުގީގު ކުރަމުންދާ މައްސަލައިގެ ބަޔާންތަކުގައި ސޮކުރެއްވުމަށް ކަމަށާއި ބަޔާންތަކުގައި ސޮއި ކުރެއްވުމުގައި ގިނަ އިތުރަކެއް ނެގީ ބަޔާން ބަޔާންތައް ދިގުވުމާއި ބަޔާންތަކުގެ ބައެއް ކަންކަން ބަދަލުކުރަން ޖެހުމުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގާތްގަނޑަކަށް ހަ ގަޑިއިރު ފުލުހުންގެ އިދާރާގައި ހޭދަކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ބަޔާންތައް ދިގުވުމުގެ އިތުރުން ބަޔާންތަކުގެ ބައެއް ކަންކަން އިސްލާހުކުރަން ޖެހުމަކީވެސް ފުލުސް އޮފީހުގައި ގިނައިރުތަކެއް ނެގި ސަބަބެއް ކަމުގައެވެ.
ރައީސް ޔާމީން ތިން ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު ފުލުހުން މިހާރު ބަލަމުން ގެންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާކުރި މައްސަލައެއްގައެވެ.
އެމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ ހިޔާނާތުގެ ފައިސާ ޖަމާކޮށް އެފައިސާ ލޯންޑަރ ކުރުމާއި އެމައްސަލައާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްކިކަމުގެ ތުހުމަތެވެ. މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަމުން ގެންދާއިރު ރައީސް ޔާމީންގެ އެކައުންޓް ތަކުގައި ހުރި ބޭރު ފައިސާއާއި އެކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ