ފިރިން އާއިލާ އާއި އެކު ކޮންމެ ރެޔަކު ނިދާނެ އުސޫލެއް ތައާރަފް ކުރާނަން – ނަޝީދު

މަޖިލިސް 19 އިން ފިރިން އާއިލާ އާއި އެކު ކޮންމެ ރެޔަކު ނިދާނެ ވިސްނުމެއް، އުސޫލެއް ތައާރަފް ކުރާނަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެންބަރު ޖީހާން މަހްމޫދުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އާއިލާ އާއި ވަކިން ދިރިއުޅެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު ރިސޯޓްގައި މަސައްކަތް ކޮށްފައި އާއިލާ ކައިރިއަށް އާދެވޭނެ ގޮތައް ފެރީތައް ބާއްވަން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރަމުން ގެންދަނީ "1800 ގެއަހަރުތަކުގައި ސިނާއީ މަސައްކަތްތައް ކުރި ގޮތައް" ކަމަށެވެ. ނަމަވެސް އެއުސޫލު ބަދަލު ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބަނޑަހަ ޖަހައިގެން މަސްވެރިކަން ކުރި އުސޫލުން. ބަނޑަހަ ޖަހައިގެން ދަނޑުވެރިކަން ކުރަން އުޅުނު އުސޫލުން މަސައްކަތް ކުރަން ރާއްޖޭގެ ރައްޔިތުން ދޫކޮށްލެވޭކަން މިއަދު އަޅުގަނޑުމެންނަކަށް ނެތް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިރޭ ވެސް ވިދާޅުވީ އެމްޑީޕީ ވުޖޫދަށް އައިސް ހިންގަމުން އައީ އެންމެ ބޭނުމެއްގައި ކަމަށެވެ. އެއީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމާއި ޙައްޤު މިންވަރު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާދިއްޕޮޅު ގައި ވެސް ދިހަ ރިސޯޓް އެބައޮތް ކަމަށާއި އަދި ކާރުހާނާއެއް ވެސް އެބަހުރި ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަތޮޅުގެ ރައްޔިތުންނަށް ޙައްޤު މިންވަރު ލިބޭ ކަމަށް ބުނެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާދިއްޕޮޅުގެ ތަރައްޤީ އަށް ދެކެވަޑައިގަންނަވާ އުއްމީދުތަކުގެ ތަފްސީލް ދެއްވަމުން ނަޝީދު ވިދާޅުވީ ފެލިވަރާއި، މަޑިވަރާއި، ނައިފަރާއި، ހިންނަވަރު އަދި ކުރެންދޫ އެއް މަގަކުން ގުޅުވާލުމަކީ މިސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.
ނަމަވެސް ރަށްތައް ތަރައްޤީ ކުރަން ޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.
އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން ފޯރިއާއި އެކު ކުރިއަށް ދާއިރު ނަޝީދު ގެންވަނީ ވަރަށް އަވަދިނެތި ކެމްޕޭންގައި ބައިވެރިވަމުންނެވެ. އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު އަތޮޅުތެރޭގެ ކޮންމެވެސް ރަށެއްގައި ކެމްޕޭންގައި ބައިވެރިވުމަށް ފަހު ރޭގަނޑު މާލޭގައި އޮންނަ ކެމްޕޭންގައި އެމަނިކުފާނު ބައިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ