އިންޑިއާ ސަފީރު ނައިބު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލެޝް މިޝްރާ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އިންޑިއާގެ ސަފީރު ރާއްގެއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެކިދާއިރާތާކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއިމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުގެ މަސައްކަތްތަކަށާއި ޚާއްޞަކޮށް ސަރުކާރުން ގެންގުޅުއްވާ ޑިމޮކްރަސީގެ ހަރުދަނާ ސިޔާސަތުތަކަށް ސަފީރު ވަނީ ތަޢުރީފުކުރައްވައިފައެވެ.
މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ އަކިލެޝް މިޝްރާގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ބަހާއި ސަގާފަތް ދަސްކުރެއްވުމުގައި ބެހެއްޓެވި ޝައުޤުވެރިކަން ފާހަގަކުރައްވައި، އިންޑިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވައިފަ އެވެ. އަދި މިހާރުއޮތް ރަހުމަތްތެރި ގުޅުން ކުރިމަގުގައިވެސް އެގޮތުގައި ދެމެހެއްޓެވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ