ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި ރެއާލް ބެޓިސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް ބެޓިސް އިންނެވެ.ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިންލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބެޓިސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ބާސެލޯނާ އިން ވެސް އިތުރު ލަނޑެއް ކާމިޔާބުކުރިއިެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމު ޒުވާން ދެ ފޯވާޑުން ކަމަށްވާ ރޫނީ ބާރޖީ އަދި ލަމީން ޔަމާލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ރެއާލް ބެޓިސްގެ ފޯވާޑް އެޓޮނީ، ޗޫޗޯ ހެނާންޑޭޒް އަދި ޑިއޭގޯ ލޮރެންޓޭ މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ބާސެލޯނާއަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް ބެޓިސް އިން ލީގުގައި ކުޅުނު 16 މެޗުން ހޯދި 24 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ލީގުގައި ބާސެލޯނާއަށް ކުރިއަށް އޮތީ މިމަހުގެ 13 ވަނަ ދުވަހުގެ އަމިއްލަ ދަނޑުގައި އޮސަސުނާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ރެއާލް ބެޓިސްއަށް ކުރިއަށް އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅޭ މެޗެވެ.
ބެޓިސް ބަލިކޮށް ބާސެލޯނާ އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ