ޗައިނާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ތަމްރީނު އެހީތެރިކަމުގެ ދަށުން، މިއަހަރު ކުރިޔަށްގެންދާ ޗައިނާ–މޯލްޑިވްސް ހިއުމަން ރިސޯސަސް ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވި ފަރާތްތަކަށް ޗައިނާގެ އެމްބަސީން ޚާއްސަ ރިސެޕްޝަނެއް ބާއްވައިފިއެވެ.
ރޭ ބޭއްވި މި ރިސެޕްޝަނުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ފައިސަލް އަދި މި އަހަރުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވި 100 އަށްވުރެ ގިނަ ދިވެހިން ބައިވެރިވިއެވެ.
ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ކޮންގް ޝިއަންހުއާ ވަނީ 20 ވަނަ ސީޕީސީ ސެންޓްރަލް ކޮމިޓީގެ ހަތަރުވަނަ ޕްލީނަރީ ސެޝަނާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޗައިނާގެ އެހީގެ ތެރެއިން ހިންގާ މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ޒަރީޢާއިން، އެ ޤައުމުގެ ވެރިކަން ހިންގުމުގެ ތަޖުރިބާއާއި ތަރައްޤީގެ ކާމިޔާބީތައް ރާއްޖެއާ ހިއްސާކުރުމަށް ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.
އަދި މި ޕްރޮގްރާމްތަކަކީ ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ، އަދި އިޖުތިމާޢީ ކުރިއެރުމަށް ބޮޑު އެހީއެއް ގެނެސްދޭ ކަމެއް ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ރާއްޖެ-ޗައިނާގެ އެޗްއާރް ޓްރެއިނިން ޕްރޮގްރާމުގެ ޚާއްސަ ރިސެޕްޝަނުގެ ތެރެއިން -- ފޮޓޯ: ޗައިނާ އެމްބަސީ
ސަފީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްތަކުގައި ބައިވެރިވި ފަރާތްތަކުން ލިބުނު ޢިލްމާއި ހުނަރު ބޭނުންކޮށްގެން ޤައުމީ ތަރައްޤީއަށް އެހީތެރިވެ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ރަޙުމަތްތެރި ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމުގެ މުސްތަޤްބަލު އެއްކޮށް ބިނާކުރުމަށް މަސައްކަތްކުރުމަށް އޭނާ އުއްމީދުކުރައްވާ ކަމަށެވެ.
އެ ރިސެޕްޝަނުގައި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ފައިސަލް ވަނީ މިފަދަ ތަމްރީނު ފުރުޞަތުތައް ޗައިނާގެ ސަރުކާރުން ދޭ ކަމަށްޓަކައި ޗައިނާއަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މުސްތަޤްބަލުގައި ވެސް އެފަދަ ޕްރޮގްރާމްތަކުގައި އިތުރު ހުނަރުވެރި ދިވެހިން ބައިވެރިވެ، ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަށް ޖާވިދު ވަނީ އެދިވަޑައިގަންނަވައިފައެވެ.
މި ރިސެޕްޝަންގައި، ޑެޕިއުޓީ މިނިސްޓަރު ޒުލައިޚާ ރަފީޢު، މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް، އަދި އެހެނިހެން ބައިވެރިންގެ އިތުރުން ކުރިން ޗައިނާގައި ކިޔަވާފައިވާ ދިވެހި ބައެއް ފަރާތްތަކުން ވަނީ އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ.
ރާއްޖެ-ޗައިނާގެ އެޗްއާރް ޓްރެއިނިން ޕްރޮގްރާމުގެ ޚާއްސަ ރިސެޕްޝަނެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ