ކުރީގެ ރައީސް މައުމޫނަށް 3 ނޮވެމްބަރުގެ ޝަރަފުގައި ހާއްސަ އައްޑަނައެއް އަރުވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، 3 ނޮވެންބަރުގެ ހާއްސަ ޝަރަފުގެ އައްޑަނައެއް އެރުވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ މައުމޫނަށް މި އައްޑަނަ އަރުވާނީ، މިއަހަރު ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ރަސްމީ ޖަލްސާގަ އެވެ. މި ޖަލްސާ އޮންނާނީ، ސޯޝަލް ސެންޓަރުގައި މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި މައުމޫނަށް މި އައްޑަނަ އަރުވަން ރައީސް މުއިއްޒު ނިންމެވީ، 3 ނޮވެންބަރުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސްގެ ގޮތުގައި ހުންނަވާ އެމަނިކުފާނު ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މީގެ އިތުރުން، މާދަމާގެ ޖަލްސާގައި 3 ނޮވެންބަރުގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ. ޝަހީދުންގެ އާއިލާތަކަށް މި އައްޑަނަ އަރުވަނީ، އެ ދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ އަށް ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެ އެވެ. އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވެސް ވާހަކަދައްކަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ