އެއޮފީހުގެ މުވައްޒިފުން އިމްތިޙާންކުރުމަށްޓަކައި ވެރިމީހާ ކުރި އެއްކަމަކީ މުވައްޒިފުންނަށް ވެރިމީހާގެ ކެބިނަށް އަންނަން އަންގާފައި މޭޒުމަތީގައި ފައިސާ ބަހައްޓާފައި ފާޚާނާއަށް ވަންނަނީއެވެ. ނުކުންނަނީ އަންނަ މުވައްޒިފަށް ކުރާނެ ކަމެއްކުރަން ވަޤުތުދީފައެވެ.
އޮފީހުގައި ގެންގުޅެނީ މަސައްކަތު އަންހެނަކާއިއެކު 13 މުވައްޒިފުންނެވެ. ފައިސާއިން ވައްކަން ނުކުރީ އެންމެ 2 މުވައްޒިފުންނެވެ. އެއީ މަސައްކަތު އަންހެން މީހާ އާއި ޑެލިވަރީ ބޯއިއެވެ. އަނެއް 11 މުވައްޒިފުންނަށްވެސް ވަނީ ކޮންމެވެސް ޢަދަދެއް ނެގިފައެވެ. އެކި މީހުން އެކިވަރަށެވެ. އެކުގައި ނުނެގީ ވެރިމީހާއަށް ވަޤުތުން އެނގިދާނެތީއެވެ.
ވެރިމީހާ އެކަން ދެނެގަތީ ސީސީސީޓީވީންނެވެ. ވެރިމީހާގެ ކެބިންގައި ކެމެރާ އިންނަކަން މުވައްޒިފުންނަކަށް ނުއެނގެއެވެ. ކެމެރާ އިންނަކަން އެނގޭނަމަ އެކަކުވެސް ވައްކަމެއް ނުކުރީހެވެ. ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރަށެވެ. މިޙާދިސާއަށް ބެލުމުން އެނގިގެންދާ އެއްކަމަކީ ވައްކަން ކުރުންފަދަ ބޮޑެތި ފާފަތައް ކުރަން ބިރުގަންނަ މީހުން މަދުވެފައިވާ މިންވަރެވެ.
އަހުރެން ފާހަގަކުރަން ބޭނުންވަނީ ސީސީޓީވީ ކެމެރާއަށް އެރިނަމަވެސް އަދި ނުއެރިނަމަވެސް އެއްވެސް މީހަކު ކުރާ އެއްވެސް ކަމެއް ސިއްރުނުކުރެވޭނެ ފަރާތެއްވާކަމެވެ. އެއްވެސް ކަމެއް ﷲ ތަޢާލާއަށް ސިއްރުނުކުރެވޭނެ ކަމެވެ. މަލާއިކަތުން ނުލިޔުއްވަވައި ދޫނުކުރައްވަވާނެ ކަމެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް އެމީހަކު ކުރި ހުރިހާ ކަމެއް ދައްކަވާނެ ކަމެވެ.
ލޮބުވެތި އެކުވެރިންނޭވެ! ބިރުވެތިވާންވީ އެކަމަށެވެ. ފާފަތައް ކޮށްފައި ދުނިޔޭގައި ސަލާމަތް ވެވުނަސް ޤިޔާމަތް ދުވަހު ސަލާމަތް ނުވެވޭނެކަމާއިމެދުގައެވެ. ޚާއްޞަކޮށް މީހުންގެ މުދަލަށް ޙައްޤަކަށް އަރައިގެންފައިވާނަމަ ބަދަލުނުދީ ސަލާމަތް ނުވެވޭނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކެމެރާއަށް ނާރާނަމަ ފާފަކުރަން ބިރުނުގަންނަ މިންވަރު މިވަނީ އިންތިހާއަށް ބޮޑުވެފަ! ކެމެރާއަށް ނޭރިއްޔާ ﷲ ގެ ޢަޛާބުން ސަލާމަތް ވެވޭނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ