މިއީ ޓޫރިސްޓުންނަށް އެއާޕޯޓްގައި ހިދުމަތްކޮށްދިނުމުގައި މިހާތަނަށް 20 އަހަރު ހޭދަކޮށްފައިވާ އަހުމަދު މޫސާ (ސޭޓާ) އޭނާގެ ލިންކްޓިންގައި ލިއުނު ލިއުމެއްގެ ތަރުޖަމާއެކެވެ. އޭނާ މިހާރު މަސައްކަތްކުރަނީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ވޯލްޑް އޮފް އެސްޓޯރިއާގަ އެވެ.
މިއީ، މޯލްޑިވްސް އެއާ ޓެކްސީ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގައި އުޅެމުން އެއާޕޯޓްގައި މަސައްކަތް ފެށިތާ 20 ވަނަ އަހަރެވެ. އޭގެ ފަހުން އަހަރެން އުޅެމުން މި އަންނަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ އެއާޕޯޓް ރެޕެއްގެ ގޮތުގަ އެވެ. މި ހުރިހާ ދުވަހު އަހަރެންގެ އޮތީ ވަރަށް ސާދާ ހުވަފެނެކެވެ. އަހަރެމެންގެ އާދަޔާ ހިލާފު ޓޫރިޒަމް ރަމްޒުކޮށްދޭ ފެންވަރަށް އެއާޕޯޓްގެ ހިދުމަތްތައް ކަށަވަރުކޮށްދިނުމެވެ.
(ކުރީ ދުވަހު) އަހަންނަށް އާ ޓާމިނަލްއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަކީ ރާއްޖެއަށް ފަހުރެއްކަމާ މެދު ޝައްކެއް ނެތެވެ. ދުނިޔޭގެ ފެންވަރުގެ ޓާމިނަލެއް ހަދަން އަހަރެމެންގެ އޮތް މަގުސަދު ހާސިލްކޮށްދެވޭ ކަހަލަ އުމުރާނީ ބިނާއެއް އެތަނުން ފެނެ އެވެ. ޓާމިނަލްގެ ތަރައްގީއަށް ކުރި މަސައްކަތަށް ތައުރީފް ހައްގެވެ. އެއާ އެކު އަހަރެން މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ މެހެމާނުން ތަޖުރިބާކުރަން ޖެހިދާނެ ކަންކަމާއި އަމަލީ މަސައްކަތުގައި ދިމާވެދާނެ ހުރަސްތަކުގެ ނަޒަރިއްޔާތެކެވެ.
ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތައް ފަދަ މަންޒިލެއް ނޫނެވެ. ރާއްޖެ އަންނަ ބައިނަލްއަގުވާމީ މެހެމާނުންގެ %99 އަކީ ޓޫރިސްޓުންނެވެ. އެ މީހުން ރިސޯޓްތަކަށް ދާނީ ސީޕްލޭން އާއި ލޯންޗުފަހަރުގަ އެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ދާ ވަރަށް މަދު މީހަކު މަގު ބޭނުންކޮށްފާނެ އެވެ. މިއީ ދުނިޔޭގެ އެހެން ސިޓީތަކުގެ އެއާޕޯޓާއި ވީއައިއޭ ތަފާތުވާ ސަބަބެކެވެ.
އެކަމަކު އާ ޓާމިނަލް ފެންނަނީ ސިންގަޕޫރުގެ ޗާންގީ ނުވަތަ ލަންޑަންގެ ހީތުރޯ ފަދަ ތަނަކަށް މާ ބޮޑަށް ފެތޭނެ ގޮތަކަށެވެ. އެ ތަންތަނުގައި އެއާޕޯޓަށް ކުރާ ދަތުރުތައް ގުޅިފައި އޮންނާނީ މަގުތަކާ އެވެ. ރާއްޖޭގެ އެއާޕޯޓެއްގައި ހިނގާ އޮޕަރޭޝަންތަކާއި އާ ޓާމިނަލް ޑިޒައިންގައި ހުރި ފުށުއެރުމުގެ އުނދަގޫތައް މިހާރު ވެސް ފެންނަ ފަދަ އެވެ.
މީގައި މައްސަލަ އުފެދޭ ހިސާބު ގޮސް ގުޅެނީ ޑިޒައިންކުރުމުގެ ފުރަތަމަ މަރުހަލާއާ އެވެ. ހިތި ހަގީގަތަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުންނާއި، ރިސޯޓްތައް ހިންގާ މީހުންނާއި ސީޕްލޭން އާއި ކަނޑު ދަތުރުފަތުރު އިންތިޒާމްކުރާ މީހުންގެ އިތުރުން އެއާޕޯޓްގެ އިސް ސަފުގައި މަސައްކަތްކުރާ މީހުންނާ އެކު އެކަށީގެންވާ ވަރަށް މަޝްވަރާކުރެވި، ހިޔާލު ހޯދައިފައި ނުވުމެވެ. އަހަރެންގެ މި ވާހަކަ ކުށް ކަމުގައި ނުވާ ނަމަ އާ ޓާމިނަލްގެ ފުރަތަމަ ޑިޒައިންގެ މަސައްކަތް ފެށީ 2015 ހިސާބުގަ އެވެ. އޭގެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ތަފާތު ފަސް ބޭފުޅަކު ވަޑައިގަތެވެ. އެއިން ކޮންމެ ބޭފުޅަކު ވެސް ޓާމިނަލް މަސައްކަތުގެ މިސްރާބަށް ބަދަލު ގެންނަވާފައި ވެދާނެ އެވެ. އެކަމަކު އަސްލު ބިންގާ ފެށުނު ހިސާބަށް ހިޔާލުތައް ގެންދަވާފައެއް ނުވެ އެވެ.
މިހާރުގެ ޓާމިނަލްގައި ޓޫރިސްޓުންގެ އިމިގްރޭޝަންގެ ކަންކަން ނިމި އެއާޕޯޓް ރެޕުންނާ ހަމައަށް އަންނަން ހޭދަވާނީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓެވެ. އެކަަމަކު އާ ޓާމިނަލްގެ ކަންކަން ރޭވިފައި ހުރި ގޮތުން އެ ވަގުތު 45 މިނިޓަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެ އެވެ. މި އިތުރުވާ ވަގުތުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުންނާނެ އެވެ. ރިސޯޓްތަކަށް ޓޫރިސްޓުން އުފުލައިދޭ ސީޕްލޭން އާއި ލޯންޗުތަކުގެ ދަތުރުފަތުރަށް ބުރޫއަރައި، މިހާރު އޮމާންކޮށް ހިނގަހިނގާ އޮތް ކަމަކަށް އަންނާނީ ލޮޅުންތަކެވެ. މި މަރުހަލާގައި އަންނަ ލަސްވުންތަކުގެ ނުބައި އަސަރު އެހެން އެތައް ކަމަކަށް ފޯރަ އެވެ. ޓޫރިސްޓުންގެ އިތުރުން އެ މީހުންގެ ހިދުމަތުގައި ތިބޭ މުވައްޒަފުން ވެސް މާޔޫސް ވާނެ އެވެ.
ޓާމިނަލްގެ ފުރަތަމަ ޑިޒައިންގައި ހިމެނޭ ބައެއް ކަންކަން މިހާރު ގެއްލިއްޖެ އެވެ. ފުރަތަމަ ނެރުނު ކުރެހުންތަކުގައި އާ ޓާމިނަލްގެ ކުރިމަތީގައި ލޯންޗުތަކާއި (މަތީ ފަންތީގެ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލާ) ޔޮޓްފަހަރު އޮންނަ ތަން ފެނެ އެވެ. އޭގެ މާނައަކީ ޓާމިނަލުން ސީދާ ނުކުމެގެން ލޯންޗުފަހަރަށް އަރަން ދެވޭނެ ގޮތަށް ފަރުމާކުރުމެވެ. އެކަމަކު އެ ރޭވުންތެރިކަމެއް މިހާރަކު ނެތެވެ. މިއަދު، އާ ޓާމިނަލުން ވެސް މެހެމާނުން ނުކުމެގެން ލޯންޗުފަހަރަށް އަރަން ދާން މިޖެހެނީ އަތްވާއި ވާރޭ ތެރޭގައި ހިނގަމުންނެވެ. އާ ޓާމިނަލްގެ އިންވެސްޓްމަންޓާ އެކު ޓޫރިސްޓުންގެ އެ ތަޖުރިބާ ހައްލުކުރެވެން އޮވެމެ، އެކަން ފުރިހަމައެއް ނުވެ އެވެ. ސުވާލަކީ އަހަރެމެންނަށް މި ހާސިލްކުރެވުނީ ކޮން އެއްޗެއް ހެއްޔެވެ؟
މިހާރު ފެތުރިފައިވާ އަޑުތަކާ އެކު އެހެން ކަންބޮޑުވުމެއް ވެސް އުފެދިއްޖެ އެވެ: ގެސްޓުންނާ އެކު އެއާލައިންތަކުގެ ޗެކިން ކައުންޓަރާ ހަމަައަށް އެއާޕޯޓްގެ ރެޕުންނަށް ނުދެވޭނެ ވާހަކަ އެވެ. ޓޫރިސްޓުންނާ އެކު ރެޕުންނަށް ދެވޭނީ ހަމައެކަނި ދޮރާ ހަމައަށެވެ. އެހާ ހިސާބުން ޓޫރިސްޓުން އަމިއްލައަށް ދެން ހުރި ކަންކަން ކުރަންވީ އެވެ.
އެއީ އަހަރެމެންގެ ގިނަ ރިސޯޓްތައް ބަލައިގެންފައިވާ ފޯބްސް ފައިވް-ސްޓާ ތަޖުރިބާ ނުވަތަ ލީޑިން ކޮލިޓީ އެޝުއަރެންސް (އެލްކިޔޫއޭ)ގެ ތަޖުރިބާތަކާ ދުރު ވިސްނުމެކެވެ. އެއާޕޯޓް ރެޕުންނަކީ ހަމައެކަނި ފޮށި އުފުލައިދޭ ބައެއް ކަމަށް ބަލާކަށް ނުވާނެ އެވެ. އެމީހުންނަކީ ޓޫރިސްޓުންގެ ދަތުރުުގެ ވަރަށް މުހިންމު ބައެކެވެ. އެ މީހުންގެ ޒިންމާތަކުގެ ތެރޭގައި ޓޫރިސްޓުންނަށް ބޭނުންވާ ލިއެކިއުންތައް ކަށަވަރުކުރުމާއި އެއާޕޯޓްގެ ކަންކަމާ ބެހޭ ތަފުސީލު ދިނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ލޯތްބާ އެކު ހިތްހެޔޮކަމުގެ ސަލާމްކޮށްލުމަކީ ވެސް އެއާޕޯޓް ރެޕުންގެ ސިފައެކެވެ. އަންނަ މީހާ އާއި ފުރާ މީހާއާ ދެމެދު އުފެދޭ އެ ގުޅުމަކީ ދިވެހި މެހެމާންދާރީގެ މައިގަނޑު ވިންދެކެވެ. އެ ހާއްސަ ގުޅުމުގެ ރޮދިފަށް ކެނޑިއްޖެ ނަމަ، ބުރަ މަސައްކަތުން އުފެއްދި ރާއްޖޭގެ ފެންވަރުމަތީ ޓޫރިޒަމް ބްރޭންޑަށް ވެސް އަރާނީ ލޮޅުމެކެވެ.
އާ ޓާމިނަލަށް ކުރި ޒިޔާރަތުގައި އޮޅުންބޮޅުންތަކެއް އުފެދުނެވެ. އެމްއޭސީއެލްގެ މުވައްޒަފުން ބުނީ ބާ ޓާމިނަލަށް ވަންނަ އިރު ސެކިއުރިޓީ ސްކޭނިން މެޝިންތައް ހުންނަ އިރު އާ ޓާމިނަލްގައި އެ ސާމާނު ނުހުންނާނެ ކަމަށެވެ. އެހެންވެ ޗެކިން ކައުންޓަރުތަކާ ހަމައަށް ދާން ފުރުސަތު އޮވެއްޖެ ނަމަ ސަލާމާތީ ގޮތުން ކަންބޮޑުވުންތަކެއް އުފެދޭނެ ކަމަށް، އެ މުވައްޒަފުން ބުންޏެވެ. އެ މީހުން ނަމޫނާއެއްގެ ގޮތުގައި ޗާންގީ އެއާޕޯޓްގެ ވާހަކަ ދޭތެރެދޭތެރެއިން ދެއްކި އެވެ. ނަމަވެސް ޗެކިން ކައުންޓާރުތަކާ ހަމައަށް އެއާޕޯޓް ރެޕުންނަށް ނުދެވޭނެ ސަބަބު، ޗާންގީ އެއާޕޯޓުގެ އިންތިޒާމްތަކާ ފުށުއަރަ އެވެ. އެތަނުގައި ވެސް ސެކިއުރިޓީ ޗެކިން ހަދަނީ ޓާމިނަލަށް ވަންނަ އިރަކު ނޫނެވެ. އެއީ ޕާސްޕޯޓް ބަލައި، ބޯޑިން ފާސް ދޫކުރާ ފަހުން އަންނަ މަރުހަލާއެކެވެ. އެހެންކަމުން ބައެއް ކަންކަމުގައި ޗާންގީ އެއާޕޯޓް ނަމޫނާއަކަށް ނަގާފައި އަނެއް ބައި ކަންކަމުގައި، މިސާލަކަށް ސަލާމަތާ ބެހޭ ދާއިރާ، އެ ނަމޫނާ ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ ކަންކަން ނިންމުމުގައި އިސްކަން ދޭން ޖެހޭ ތަރުތީބާ މެދު، މިފަދަ ތަފާތުތަކާ ހުރެ، ސީރިއަސް ސުވާލުތަކެއް އުފެދެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަށް މަރުހަބާކިޔުމުގެ މެހެމާންދާރީ އަދާކުރަން އެއާޕޯޓްގައި 20 އަހަރު ހޭދަކުރި މީހެއްގެ ހައިސިއްޔަތުން އަހަރެން އެދެނީ، ބައިނަލްއަގުވާމީ ބައެއް ހަމަތަކަށް ބޯލަނބައިގެން ރާއްޖޭގެ ހާއްސަ ސިފައަށް ހިޔަނި އެޅިޔަ ނުދިނުމަށެވެ. ދުނިޔޭގެ އެހެން ތަނަކުން ނުފެންނަ މެހެމާންދާރީއެއް ތަޖުރިބާކުރަން މުޅި ދުނިޔެއިން ރައްޖެ އަންނަ މެހެމާނުންގެ އުއްމީދުތަކާ އެއްހަމައެއްގައި އެއާޕޯޓްގެ ތަޖުރިބާ ވެެސް ހިމަނަން ޖެހެ އެވެ. އެހެންވެ، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އެއާޕޯޓާ ގުޅޭ ފަރާތްތަކާއި ރިސޯޓްތަކާއި އެއާޕޯޓްގެ ފުރަތަމަ ސަފުގައި އުޅޭ މީހުން ގުޅިގެން މަސައްކަތްކުރަން އެބަ ޖެހެ އެވެ. އާ ޓާމިނަލްގެ ރީތިކަމާ އެއްވަރަށް އެ ތަނުން ލިބޭ ހިދުމަތްތައް ވެސް ތަފާތުވެފައި، މަތިކުރެވޭނީ އޭރުންނެވެ.
"ސަބަބަކީ މެހެމާނާގެ ދަތުރު ފެށެނީ ރިސޯޓަކުންނެއް ނޫނެވެ. އެ ދަތުރު ފެށެނީ އޭނާ މަތިންދާބޯޓުން ބޭރަށް އަޅާ ފުރަތަމަ ފިޔަވަޅާ އެކުގަ އެވެ."
އާ ޓާމިނަލް: ރާއްޖޭގެ ޓޫރިޒަމް ބްރޭންޑަށް ހިޔަނި އެޅިގެން ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ