އިސްލާމީ ޔުނިވާސިޓީއެއް ގާއިމު ކުރުމަށް އެމްޑީޕީ ސަރުކާރުން ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފި

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އެމްޑީޕީގެ ސަރުކާރުން ތާއީދު ނުކުރާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ހުށަހެޅުއްވި، އިސްލާމިކް ޔުނިވާސިޓީގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، އެ ބިލަކީ ސިޔާސީ ބޭނުމެއްގައި ހުށަހަޅުއްވާފައިވާ ބިލެއް ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ ތައުލީމް ދޭން ޖެހޭނީ ގައުމީ ޔުނިވާސިޓީގެ ގިއުގަނޑުގެ ތެރެއިން ކަމަށް ވިދާޅުވެ، އިސްލާމިކް ޔުނިވާސިޓީއެއް ހެދުމުގެ ޖާގަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއަރުވަން ގައުމީ ޔުނިވާސިޓީގެ ތެރެއިން އިސްލާމީ ތައުލީމުދޭން ސަރުކާރު އޮތީ ތައްޔާރަށް. އެކަމަކު ދަންނަވަން މިއުޅެނީ އެ ޔުނިވާސިޓީ އުފެއްދުމަށް ޖާގައެއްނެތް. ވަރަށް ސާފުކޮށް މިދަންނަވަނީ އިސްލާމީ ޔުނިވާސިޓީ ހަދާކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެމްޑީޕީގެ ސަރުކާރަކުން ތާއީދެއް ނުކުރާނެ މިކަން މިގޮތަށް ކުރާކަށް،" އަލްހާން ވިދާޅުވި އެވެ.
އިސްލާމީ ތައުލީމް ދިނުމަށް ކުއްލިއްޔާ ޖެހޭނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްވުމަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެބިލު ތަޅުމުން ބޭރު ކުރުމަށާއި، ބިލު އަނބުރާ ގެންދެވުމަށް ޑރ. އަފްރާޝީމަށް ގޮވައިލެއްވި ނަމަވެސް، ތިމަރަފުށީ ދާއިރާގެ މުސްފާ ވަނީ އެބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ އެބިލަށް ތާއީދު ކުރުމަށް ސަރުކާރަށް ވެސް ގޮވައި ލައްވައިފަ އެވެ.
މުސްތަފާ ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާއިރު، ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ބިލަކީ ސަރުކާރުން ތާއީދު ނުކުރާނެ ކަމަށް ހީކޮށް ޖެއްސުމަށް ހުށަހެޅުއްވި ބިލަކަށްވާތީ ސަރުކާރުން އެބިލަށް ތާއީދުކުރުމަށް މުސްތަފާ ގޮވައިލެއްވި އެވެ. މުސްތަފާގެ ވާހަކާގައި އެބިލަށް ވޯޓު ދިނުމުގައި މެންބަރުންނަށް ދަތި ނުކުރުމަށާއި އެ މެންބަރަކު ބޭނުންގޮތަށް ވޯޓު ލުމުގެ ފުރުސަތު ދިނުމަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސަށް ގޮވައިލެއްވި އެވެ.
"އަޅުގަނޑު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ވެސް ގޮވާލަން މިއަށް ތާއީދު ކުރުމުގައި ވަކި ގޮތަކަށް އަޅުގަނޑުމެންނަށް ހަރުނުލުރުމަށް. މެންބަރުންނަށް އަމިއްލަ ރައުޔަށް ދޫކޮށްލުމަށް. އަޅުގަނޑު ގޮވައިލަން އެއްވެސް ހާލެއްގައި މިކަމަށް އުނދަގޫވާނެ ގޮތަކަށް، ނޫނީ ހުރަސްއެޅޭނެ ގޮތަކަށް އެއްވެސްކަމެއް ނުކޮށް އެ މެންބަރެއްގެ އަމިއްލަ ހިޔާލަށް ދޫކޮށްކުމަށް،" މުސްތަފާ ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ އަކީ ކުރީގައި ސިފައިންގޭގައި ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ރައީސް މައުމޫނުގެ ވެރިކަމުގައި އޭނާ ވަނީ ރައީސް މައުމޫނުގެ ސެކިއުރިޓީ ބަލަހައްޓަވާފައި ކަމަށެވެ. އިލްހާމް އެ މޭރުމުން ވާހަކަ ދައްކަވަން ފެއްޓެވުމުން ބިލްގެ ދާއިރާގައި ބަހުސް ކުރިއަށް ގެންދެވުމަށާއި އެހެންނޫނީ ނަން އިއްވާނެ ކަމަށް ރިޔާސަތުން އިންޒާރު ދެއްވި އެވެ. އެންމެ ފަހުން ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ އަލީ މުހައްމަދު ވަނީ އިލްހާމަށް ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތު ނަންގަވައިފަ އެވެ.
މި ބިލުގެ ބަހުސްގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެނަން އިސްލާމިކް ޔުނިވާސިޓީގެ ނަމަށް ބަދަލު ކުރުމަށް ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ޓެކްސް ނެގުމުގެ އިދާރީ ގާނުނަށް ހުށަހެޅުއްވި، އިސްލާހް ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ. އަދި އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ސަބް ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ