ސަރުކާރު ވަޒީފާ ދޭއިރު ބަލާ ކުށުގެ މިންގަނޑު ކުޑަކޮށްފި

ސަރުކާރު ވަޒީފާ ދޭން ކުށުގެ ރެކޯޑް ސާފު ކުރާއިރު ނުވަ ކުށެއް ފިޔަވައި އެހެން ކުށްތަކުގެ ރެކޯޑް ނުބަލާ ގޮތަށް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އުސޫލު ހަމަޖެއްސީ ވަޒީރުންގެ މަޖިލީހަށް ހިއުމަން ރިސޯސަސް މިނިސްޓަރީން ހުށަހެޅި ކަރުދާހާ ބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު ކުށުގެ ރެކޯޑު ސާފުކުރުމުގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުމަށްފަހު ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ 43 ޕަސެންޓަކީ ޒުވާނުންނަށް ވެފައި، ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ކުރިމަތިލާ ޒުވާނުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ލިބެންޖެހޭއިރު ކުށުގެ ރެކޯޑު އޮތުމުގެ ސަބަބުން ވަޒީފާ ނުލިބޭކަން ފާހަގަކުރެވޭތީ ކަމަށެވެ.
މިއަދު ނުކުތް ސަރުކާރުގެ ގެޒެޓްގައި ވަނީ ކުށުގެ ރިކޯޑް ސާފުކުރުމާ ބެހޭ ގޮތުން އެކުލަވައިލި އެ އުސޫލުތައް ޝާޢިއު ކޮށްފަ އެވެ.
އެގޮތުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުމުގެ ކުރިން ކުށުގެ ރިކޯޑް ސާފުކުރާއިރު ބަލާނެ ކުށްތަކުގެ ތެރޭ ހިމެނެނީ މަރުގެ މައްސަލަ އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ތޫނު އެއްޗަކާއެކު މާރާމާރީގައި ބައިވެރިވުމާއި މާރާމާރީގައި ނުރައްކާތެރި ހާނިއްކަ ކޮށްފައި ވުމާއި މީހެއްގެ ގުނަވަނެއް ނައްތާލުމާއި ޓެރަރިޒަމް ކުށާއި ކުޑަކުދިންނާމެދު ބަދުއަޚްލާގީ ޢަމަލު ހިންގުމާއި ކައުންޓަފީޓް ކުރުމާއި، 1،000ރ. އިން ފެށިގެން މަތީގެ ވައްކަމުގެ މައްސަލަތަކާއި މަކަރާއި ހީލަތާއި ފޭރުމުގެ ކުށްތަކުގެ ތެރެއިން 1،000ރ. އިން މަތީގެ ޢަދަދަކަށް ހިޔާނާތްތެރި ވުމާއި ޓެކުމެވެ.
މި އުސޫލުގެ ދަށުން ފައިސާގެ މައްސަލައެއްގައި ހުކުމެއް އައިސްފައިވާ މީހަކަށް ފައިސާއާ ގުޅޭ މަސައްކަތެއްގެ އެއްވެސް ވަޒީފާ އެއްނުދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ