އަޅުގަނޑު ޑީލެއް ނުހަދަން، ޑީލް ހެއްދެވީ ނަޝީދު: ޝަރީފު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކުގައި އެއްވެސް "ޑީލެއް" ހައްދަވާފައި ނުވާނެ ކަަމަށާއި ޑީލެއް ހެއްދެވި ނަމަ ހެއްދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މަަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި, ކަނޑުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި، ޝަރީފު ވިދާޅުވީ މަޖިލީހުގައި އޭނާ ދެއްވި ވޯޓެއް ދެއްވާފައި އޮންނާނީ ނަޝީދު އެންގެވި ގޮތެއްގެ މަތިން ކަމަށެވެ. އޭނާ އެ ވާހަކައަށް ވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިވަޑައިގެންނެވި ކަމަށް ބައެެއް މެމްބަރުން ތުހުމަތު ކުރައްވާ ކަމުގެ ޝަކުވާއިން ފައްޓަވައިގެންނެވެ.
"އަޅުގަނޑު އެމްއެމްޕީއާރުސީގެ އަދީބަކާ އެކު ޑީލެއް ނުހަދަން. ވަރަށް ކެރިގެން މިދަންނަވަނީ މި މަޖްލިސްގައި [ކުރިން] ދިން ވޯޓެއް ދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން، ޑީލް ހެއްދެވީ މަނިކުފާނު،" މޭޒުމަތީގައި ޖައްސަވާފައި، ރިޔާސަތަށް އިނގިލި ދިއްކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ފައިސާއާ ޝަރީފާ ގުޅުވައި ވާހަކަ ދައްކަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކޮށް، ދެ ފަނޑިޔާރަކު ބޭރުކުރަން އޭނާއަށް ފައިސާ ދިން ކަމަށް، އަދީބު ވިދާޅުވި ކަމަށް ބުނާ ބަޔާނެއް ސޯޝަލް މީޑިއާގައި އާއްމުކުރި ހިސާބުންނެވެ. ސައްހަކަން ކަށަވަރު ނުވާ އެ ލިއުމުގައި އަދީބާ ހަވާލާދީ ބުނެފައި އޮތީ ޝަރީފަށް 20 މިލިޔަން ރުފިޔާ ދޭން ބުނެގެން އެ މަސައްކަތުގައި އޭނާ ބައިވެރިކުރި ކަމަށެވެ. އޭގެ ތެރެއިން ފަސް މިލިޔަން ފުރަތަމަ ދިން ކަމަށް ވެސް އޭގައި ބުނެފައި އޮތެވެ.
މިދިޔަ އަހަރު އެ ލިއުން ފުރަތަމަ އާއްމުވުމާ އެކުގައި ވެސް ޝަރީފު އެކަން ދޮގުކުރެއްވި އެވެ.
މިއަަދުގެ ޖަލްސާގައި ޝަރީފު ނަޝީދާ މުހާތަބު ކުރައްވައި "ޑީލެއް ހެއްދެވީ މަނިކުފާނު" ކަމަށް ވިދާޅުވުމުން ނަޝީދު އެއަށް ވަގުތުން ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ޝަރީފާ އެކުގައި އެފަދަ މުއާމަލާތެއް އެއްވެސް އިރެއްގައި ހިނގައިފައި ނުވާނެ ކަމަށެވެ،
MMPRC ge massala beleyne, baeh memberunge gon'di gellidhaane: Nasheed
The most trusted news source in the Maldives
Mihaaru
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއްގެ ތެރޭގައި، އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމަނަން މަސައްކަތް ކުރެއްވުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ޝަރީފުގެ ވާހަކައާ ގުޅިގެން، ނިޒާމާ ބެހޭ ނުކުތާއެއް ކަމަށްް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެފަދަ ތުހުމަތެއް ކުރެއްވުމުން އެކަން ތަހުގީގުކުރަން ޖެހޭ ކަމަށެވެ، ނަޝީދު ވިދާޅުވީ ހުށަހެޅުއްވުމެއްގެ ގޮތުގައި ޝިޔާމް އެކަން ހުށަހަޅުއްވައިފި ނަމަ އެކަން ފުލުސް އޮފީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސްގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ ހިސާބުން ކުރިން ދެއްކެވި ވާހަކަ އިތުރަށް ތަފްސީލުކުރައްވައި ޝަރީފު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެ ވާހަކަ ދެއްކެވީ، ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ސައިކޮޓަރީގައި އޭނާއަށް އެ ތުހުމަތު ކުރައްވާފައި ވާތީ ކަމަށެވެ. މަޖިލީހުގައި ކޮށްފައި އޮންނާނީ ޕާޓީގެ ލީޑަޝިޕުން އެންގި ކަމެއް ކަމަށާއި "ޑީލް"ގެ ވާހަކަ ނަޝީދަށް ނިސްބަތްކުރެއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނުސީދާ ގޮތެއްގައި ޝަރީފަށް ތުހުމަތު ކުރައްވައި ރިޔާސަަތުން ނަޝީދު ވިދާޅުވީ އެކަހަލަ ކަންކަމަށް ދިވެހި ބަހުގައި ހަރުބަހެއް އޮންނަ ކަަމަށާއި އެއީ "މިސްކިތު ހުޅުޖެހިމީހާއަށް ވީގޮތް" ކަމަށެވެ. މިސްކިތު ހުޅުޖެހިމީހާއޭ ބުނެ ދިވެހި ބަހުގައި މިސާލު ޖަހަނީ ކަމެއް ކޮށްފައި އެހެން މީހުން އެވާހަކަ ދައްކާތޯ އަމިއްލައަށް ބަލާ ބެލުމަށެވެ.
ޝަރީފު ވިދާޅުވީ އޭނާ އުޅުއްވަނީ މިސްކިތު ހުޅުޖެހި މީހާ ހެދިގެން ނޫން ކަމަށާއި އޭނާއަށް ތުހުމަތު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް ހަލީމް) ކަަމަށެވެ،
އެމްޕީއާރުސީގެ މައްސަލަ މިއަދުގެ މަޖިލީހުގައި ބޮޑު ބަހުސަަކަށްވީ އެ އަރައިރުމުގެ ތެރެއިންނެވެ. އެކަމުގެ ތެރޭގައި ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންނަވަނިކޮށް އެމްއެމްޕީއާރުސީގެ އެއްވެސް މައްސަލައެއް ނުފޮރުވޭނެ ކަމަށެވެ. އެއީ ކިތަންމެ ބޮޑު މެމްބަރަކަށް ވިޔަސް ކިތަންމެ ބޮޑު ވަޒީރަކަށް އަދި އަމީރަކަށް ވިޔަސް ކުރެއްވޭނެކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ