ނޭކުރެންދޫގެ ނިކަމެތި އާއިލާއަށް ރައްޔިތުން ގުޅިގެން ބޮޑު އެހީއެއް

ހދ ނޭކުރެންދޫގައި ހާލުގައި އުޅެމުން ދިޔަ އާއިލާއަކަށް އެ ރަށު ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހަރަކާތެއް ފަށައިފި އެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދެނީ އެރަށުގައި އުޅޭ ވަރަށް ނިކަމެތި އާއިލާއަކަށް ކަމަށާއި އެގޮތުން އެ އާއިލާ ދިރިއުޅެމުން އަންނަ ގޯތީގައި ރާނާފައި ހުރި ހަމައެކަނި އިމާރާތެއްކަމަށެވެ.އެތަން ހިޔާކޮށް ތަޅުންއަޅައި، ފާހާނައަކާއި ބަނދިގެއެއް މި ހަރަކާތުގެ ތެރެއިން ހެދިގެންދާނެ ކަމަށެވެ.
ތަން މަރާމާތުކުރުމަށް ރައްޔިތުން އެހީތެރިވަނީ-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް
އެހީތެރިކަން ފޯރުކޮށްދެމުންދާ އާއިލާ ދިރިއުޅޭތަން-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް
މިކަމަށް ފަންޑުދީފައިވަނީ ރަށުގައި އުޅޭ ހެޔޮއެދޭ ފަރާތްތަކުން ކަމަށާއި ތަން ނިންމުމަށް ރަށުގެ 99 ޕަސެންޓް ރައްޔިތުންގެ އެއްބާރުލުން ލިބެމުން ދާކަމަށެވެ.
އަލީ ވިދާޅުވީ މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ރަށުގައި އެހާ ނިކަމެތިކޮށް އާއިލާއެއް އުޅޭން ޖެހޭނެކަމަށް ގަބޫލުނުކުރާތީކަމަށެވެ. އަދި މިކަމަށް ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބެމުން ދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ތަން މަރާމާތުކުރުމަށް ރައްޔިތުން އެހީތެރިވަނީ-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް
އަމާޒަކީ ކުރިއަތްއޮތް 4 ދުވަސްތެރޭގައި މަސައްކަތް ނިންމާލުން ކަމަށްވެސް އަލީ ވިދާޅުވި އެވެ. މި އާއިލާގައި ދިރިއުޅެމުންދަނީ މުސްކުޅި އަންހެނަކާއި އެމީހާއަށް މާމަ ކިޔާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ 10 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ