އިއްޔެ އީސީގައި ހަމަނުޖެހުން ހިންގީ ރައީސް ނަޝީދު: އިދިކޮޅު

ބައެއް ވޯޓު ފޮށިތައް އަލުން ކަނޑާ ކަމުގެ ހަބަރާއެކު އިލެކްޝަންސް ކޮމިޝަނަށް އެއްވެ ތިބި ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ތަނުގެ ހަމަޖެހުން ނަގާލާފައި ވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނެފައި ވަނީ، އިއްޔެ މެންދުރު ފަހު އީސީގެ އިންތިހާބީ މަރުކަޒު ކައިރީގައި ހަމަ ނުޖެހުން އުފެއްދީ ޕީޕީއެމް އިން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައި ވަނިކޮށެވެ. އީސީއަށް ރައްދު ދެމުން އިދިކޮޅުން ބުނީ، އެތަނަށް އެއްވެ ތިބި ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުން ނަގާލާފައި ވަނީ އެމްޑީޕީ އިން ކަމަށެވެ.
އިދިކޮޅުން ބުނީ ދިވެހި ރައްޔިތުންގެ ވޯޓުން މި އިންތިހާބު އިދިކޮޅު ކޯލިޝަނާއި ރައީސް ޔާމީންގެ ފިކުރަށް ކާމިޔާބު ކޮށްދީފައި ވާ ކަމަށެވެ. އަދި އެ ނަތީޖާ ގަބޫލު ނުކޮށް އީސީއަށް ނުފޫޒު ފޯރުވައިގެން ނަމަވެސް އިންތިހާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވާހަކަ ދައްކަވާ ޕްރެސް ދެއްވާފައި ވާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ބުނީ، އިންތިހާބުގެ ނަތީޖާ އަށް ވަކި ބައެއްގެ ނުފޫޒު ފޯރުވާ ކަން ދޭހަވާ ފަދަ އެތައް ކަމެއް މިހާރު ދަނީ ފެންނަމުން ކަމަށެވެ. އެގޮތުން ބައެއް ފޮށި ތަކުން އިއުލާން ކޮށްފައިވާ ނަތީޖާ ނޫން ނަތީޖާ އީސީގެ ސައިޓަށް އެންޓާ ކުރުމާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ދިވެހި ރައްޔިތުން ދީފައިވާ ވޯޓު މަދުން އެންޓާ ކޮށްފައި ވާ ކަން ފާހަގަ ކުރެވޭ ކަމަށް އިދިކޮޅުން ބުނެއެވެ.
ހަމައެއާއެކު އިއްޔެ އީސީއަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، އިންތިހާބުގެ ނަތީޖާ އެމްޑީޕީ ކޮޅަށް އަނބުރާލުމަށްޓަކައި ބައެއް ފޮށިތައް ކަނޑާނެ ކަމަށް އެމްޑީޕީގެ ރައީސް ވެސް ވިދާޅުވެފައި ވަނިކޮށް، އެކަން އެގޮތަށް ކުރިއަށް ގެންދަން އުޅޭ ފަދަ ގޮތަކަށް އަޑުތައް ފެތުރިގެން ދިއުމުން ކަމަށް އިދިކޮޅުން ބުނެއެވެ. އިދިކޮޅުގެ ބަޔާނުގައި ބުނީ ތަނުގައި އޮތް ހަމަޖެހުން ގެއްލި، ތަން ހޫނުވީ އެވަގުތު އެމްޑީޕީގެ ރައީސް އާއި އިސްވެރިން އެތަނަށް ވަޑައިގަތުމުން ކަމަށެވެ. އަދި އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ގޮން ޖައްސަވާ ބަސް ވިދާޅުވުމުގެ އިތުރުން އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ހަޑިހުތުރު ގޮތްގޮތަށް އަތުން އިޝާރާތް ކުރެއްވުމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ރައީސް ނަޝީދު އެތަނަށް ވަޑައިގެން ތަން ހޫނު ކުރުމުން ރޯދައަށް ތިބި ދިވެހި ރައްޔިތުންގެ ލޮލަށާއި މޫނަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށާއި، އެހެންކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ތަނުގައި ކަން ހިނގައި ދިޔަ ގޮތުގެ ހަގީގަތް އޮޅުވާލައްވާ އީސީގެ ރައީސް ބޭއްވެވި ޕްރެސްގައި ޕީޕީއެމް، ޕީއެންސީ ބަދުނާމު ކޮށް ވާހަކަ ދެއްކެވުމަކީ ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ