އިއްޔެ މެންދުރު ފެށި މުޒާހަރާ ފަތިސް ވަންދެން ދިގު ދަންމާލައިފި

ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން އިއްޔެ މެންދުރު 2:45 އެހާކަށްހާއިރު ފެށި މުޒާހަރާ ފަތިސް ވަންދެން ދިގު ދަންމާލައިފިއެވެ.
ރޭގެ މުޒާހަރާގައި މާބޮޑު ހަމަނުޖެހުންތަކެއް ހިންގާފައި ނުވި ނަމަވެސް ފުލުހުންވަނީ އެސަރަހައްދުގައި އަޑުގަދަ ކުރާ ބޭނުން ނުކުރުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. އަދި އަޑުގަދަ ކުރާ އަތުލަން ކަމަށް ބުނެ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަނުމުން ކޮންމެވެސް ވަރަކަށް ހަމަ ނުޖެހުން ހިންގާފައިވެއެވެ.
އެވަގުތު އެސަރަހައްދުން ފުލުހުން ހައްޔަރު ކުރި މީހަކުވަނީ މާގިނަ އިރުތަކެއް ނުވޭ ދޫކޮށްލާފައެވެ.
ރޭގެ މުޒާހަރާގައި ބައިވެރިވީ އެމްޑީޕީގެ ބައެއް އިސްފަރާތްތަކުންވަނީ ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެދި ބައިބައިވެފައިވާ ކަމަށް ވެސް ބުނެފައެވެ.
އިއްޔެ މެންދުރު ފެށި މުޒާހަރާއަށް ރައީސް މުހައްމަދު ނަޝީދުވަނީ އިރާކޮޅު ވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ބައެއް އިސްވެރިންނާއި ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަރަށް ދަން ވަންދެން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވިއެވެ.
ރޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާވަނީ ހައްޔަރު ކުރަން ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ގެންގޮސްފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް އެދެބޭފުޅުން ވެސްވަނީ ދޫކޮށްލާފައެވެ.
ގާތްގަނޑަކަށް 2:50 ވީ އިރު، ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގުންނާއި، އޯކިޑް މަގުން ފަހަތަށް ޖައްސާފައެވެ. އެގޮތުން އޯކިޑް މަގުން އެސްޓީއޯއާއި ހަމައަށް ޖެއްސި އިރު، ޗާންދަނީ މަގުގެ ބައިވެރިންވަނީ ނާސްތާ ކެފޭ ހުންނަ ގޯޅިގަނޑާއި ހަމައަށް ފަހަތަށް ޖައްސާފައެވެ.
އޭގެފަހުން ފަތިސް ނަމާދަށް ބަންގި ގޮވަމުންދަނިކޮށް ފުލުހުންވަނީ އޯކިޑް މަގުގައި ތިބި މުޒާހަރާގެ ބައިވެރިން ބަންޑާރަ މިސްކިތާއި ހަމައަށް ފަހަތަށް ޖައްސާލާފައެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވަނީ ހައެއްކަ މީހުންނެވެ.
މުޒާހަރާ މެދުކަނޑާލާފައިވަނީ މިއަދު ހެނދުނު ހަތެއް ވެސް ޖެހިފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ