މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ސަރުކާރުން ހުށަހަޅާނެކަމަށް ބުނެފައިވާ އިތުރު ބިލްތައް ލިބޭނެކަމުގެ ޔަގީންކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހިނގާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހެޅުމަށް ހަމަޖެހިފައިވީނަމަވެސް، މިހާތަނަށް މަޖިލީހަށް ލިބިފައިވަނީ އެންމެ ހަތަރު ބިލް ކަމަށާއި، ބާކީ ހުރި ބިލްތައް ލިބޭނެކަމުގެ ޔަގީންކަން ނެތް ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލްތައް ނުފޮނުވާތީ މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މީގެކުރިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސަރުކާރުން މިދައުރުގައި ހުށަހެޅި ފާހަގަލެވޭ ބިލްތަކުގެ ތެރޭގައި ހެއްކާބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލް ހިމެނެއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ދެ ބިލްގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީގައި ކުރިއަށްދާކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެކުރިން، އެ ދައުރަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވަންވާނެ ކަމަށެވެ. އަދި އެލިސްޓު މެމްބަރުންނާއި ހިއްސާކުރަންވާނޭ ކަމަށްވެސް ގަވާއިދުގައިވެއެވެ.
އެގޮތުން މިދައުރުގައި 32 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ވަނީ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެން ކުރިއަށް ގެންގޮސްފައިވަނީ އަންނަ އަހަރަށް އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި ލަފާކޮށްފައިވާ ބަޖެޓާމެދު ބަހުސްކުރުމެވެ.
އެގޮތުން މިއަދު ކުރެވުނު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އޮޑިޓު ރިޕޯޓުތަކުގައި އިސްލާހުކުރަންޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކުރާ ކަންކަން އިސްލާހުކުރަމުންނުދާ ކަމަށް ވިދާޅުވެފައެވެ.
އަދި ވޭތުވެދިޔަ އަހަރު، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން ދިޔައިރު އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ގެންނަން ނިންމި ވެންޓިލޭޓަރުތައް ގެނައުމަށް އެޑްވާންސްކޮށް ފައިސާ ދޫކުރުމުގައި މާލިއްޔަތު ގާނޫނާ ޚިލާފުވެފައިވާއިރު އެކަމުގައި ދައުވާނުކުރާތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ.
މީގެއިތުރުން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ، ދައުލަތުގެ ބަޖެޓުން ރައީސް ނަޝީދަށް ކުރަމުން ގެންދާ ބޮޑު ހޭދައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި، ގައުމުގެ މާލިއްޔާއިން ސަރުކާރުން ކުރާ އެއްވެސް ކަމެއް ރައްޔިތުންނަށް ނުފެންނަ ކަމަށާއި، ފެންނަމުން ދަނީ ސަރުކާރުގެ މާލިއްޔާ ހުސްވާ މަންޒަރު ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިދުވަސްވަރު ރާއްޖެ ހިޖުރަކުރަމުންދާ ގުޑުގުޑާ ދޫނީގެ ވާހަކައަށް ފަހު، ރައީސް ނަޝީދަށް އަމާޒުކޮށް މެމްބަރު ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތުން ހިޖުރަކުރާ ދޫނިވެސް ފެންނަމުންދާ ކަމަށާއި، އެ ދޫނީގެ ފިޔަ ސަރުކާރުން ކޮށާލަން ރައްޔިތުން ނޭދޭ ކަމަށެވެ.
އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ރައީސް ނަޝީދު ހުންނަވަނީ މާލޭގެ އެންމެ އަގުބޮޑު އެއް ހޮޓާ ކަމަށްވާ "ހޮޓެލް ޖެން" ގައެވެ.
އެކަމަށް ދައުލަތުން ޚަރަދުކުރާއިރު، އެކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
މަޖިލީގެ މާ ބޮޑު މަސައްކަތެއް ނެތުމުން 12 ޖަހާއިރު، ވޯޓަށް ހާޒިރުވުމަށް މެމްބަރުންނަށް ދެންނެވުމަށް ފަހު މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ