ތިން ދުވަހުން 7800 މީހުންނަށް ކޮވިޑު ޖެހިއްޖެ! އެކްޓިވް ކޭސްގެ އަދަދު 16،000 އިން މައްޗަށް!

ރާއްޖެއިން އިތުރު 2،609 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ނެގި 7،584 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 2،609 ސާމްޕަލް ކަމަށެވެ.
އެއީ މާލެ ސަރަހައްދުން 1،427 މީހަކާއި އަތޮޅުތެރެއިން 783 މީހަކާއި ރިސޯޓުތަކުން 109 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 122،777 އަށް އަރައިފި އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 1،663 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 105،827 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 16،666 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު ހޮސްޕިޓަލުތަކުގައި 57 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 271 މީހަކު ވަނީ މަރުވެފައެވެ. އެއީ 253 ދިވެހީންނާއި 18 ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ