ހިޔާ އާއި ފިޔަވަތީގައި އައިސޮލޭޝަން ފެސިލިޓީ ގާއިމްކޮށްފި

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި އައިސޮލޭޝަން ރޫމުތައް ގާއިމުކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ގާއިމުކޮށްފައި ވަނީ އައިސޮލޭޝަން ދެ ރޫމް ކަމަށާއި، ފިޔަވަތީގައި ތިން ރޫމް ގާއިމު ކޮށްފައިވާ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމަޖެންސީއަށް ބޭނުންވާ ފެސިލިޓީތައް މަރުކަޒުގައި ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަރުކަޒުތަކުގައި އައިސޮލޭޝަން ރޫމް ގާއިމު ކޮށްފައި ވަނީ އެ ތަނުގައި ތިބި ކުދިންނާއި މީހުންގެ އަދަދަށް ރިއާޔަތް ކޮށްފަ އެވެ. އަދި މަރުކަޒުތަކުގައި ތިބި މީހުންގެ އަދަދުތައް ވެސް މިނިސްޓަރު ހާމަ ކުރެއްވި އެވެ.
ކ. ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 204 މީހުން ތިބިއިރު ހިންމަފުށީ މަރުކަޒުގައި ތިބީ 126 ފަރުވާ ލިބޭ މީހުން އެބަ ތިއްބެވެ. 14 އަހަރާއި 18 އަހަރާ ދެމެދުގެ 52 ކުއްޖަކު ކުޑަކުދިންގެ ހިޔާގައި ތިބިއިރު ފިޔަވަތީގައި 12 އަހަރުން ދަށުގެ 120 ކުދިން އެބަ ތިއްބެވެ. އަތޮޅުތަކެގެ ހިޔާތަކުގައި 18 އަހަރު ނުފުރޭ 19 ކުއްޖަކު އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ