13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާފް ބޮޑު ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޙްލޫފްއެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ. 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ މި 13 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ. ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ. މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ. މި 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ. މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ ސަބަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ 100 ބޮޑު ފުޓުބޯޅަ ދަނޑު އެޅުމުގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ފަސް ދަނޑެއްގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި މިއަހަރުގެ ތެރޭގައި ޖުމުލަ 13 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އަދި އިތުރު 22 ދަނޑެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭވަރު ވާނެ ކަމަށް މިނިސްޓްރ މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ