މެލޭޝިއާގެ ކުންފުންޏަށް ދޭންޖެހުނީ މަސައްކަތުގެ އަގު: އެޗްޑީސީ

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް އެޗްޑީސީން ދައްކަން ޖެހުނު 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) އަކީ މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ އަގު ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ގެއްލުން ކުޑަވާނެ ގޮތަކަށް އެ ކުންފުންޏާ އެކު މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ކުރިން އޮތީ މި މަޝްރޫއު ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އާބިޓްރޭޝަންގެ ކުރިން އޮންނަ އެޖުޑިކޭޝަން މަރުހަލާގައި ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ޑިމާންޑްކުރީ މިތާނަށް ކޮށްފައިވާ މަސައްކަތުގެ އަގު ކަމަށް ބުނެ 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޯދަން ކަމަށެވެ. މިހާރު ދޭންޖެހޭނެ ކަމަށް އެޖުޑިކޭޓަރު ނިންމެވި އަދަދަކީ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ މަސައްކަތާ ނުބައްދަލު އަގެއް ކަމަށް އެޗްޑީސީ އަށް ފެންނާތީ އެވަރުގެ އަދަދެއް ދޭން ނުޖެހޭނެ ކަމަށް ބުނުމުން އެޖުޑިކޭޓަރު ނިންމެވި އަދަދު ކަމަށް އެޗްޑީސީން ބުންޏެވެ.
ފިނޭންސްގެ އޮފީސް އިމާރާތް މާލޭގައި އަޅަން 122.7 މިލިއަން ޑޮލަރަށް ބްލިއު.ޒެޑް.އާރު ޕްރޮޕަޓީއާ 2016 ވަނަ އަހަރު ހަވާލުކުރުމަށް ފަހު، އޭރުގެ ސަރުކާރުން އެ މަޝްރޫއު ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ބަދަލުކުރުމުން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވިކަން ފާހަގަކޮށް، އެޗްޑީސީން ބުނީ މިއީ އެ ކުންފުނީގެ ބިޒްނަސް ޕްލޭންގެ ބޭރުން ފީޒިބިލިޓީ އަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ގޮތަށް ކުއްލިއަކަށް ކުރަންޖެހުނު މަސައްކަތެއް ކަމަށެވެ.
ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއާ އެކު، ފިނޭންސްގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަކީ "އެންމެ ރަނގަޅު ގޮތް ނޫން ކަމަށް" ފެންނަ ކަމަށާއި އެހެންވެ މިހާރު މަސައްކަތްކުރަމުން އަންނަނީ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކުން އެޗްޑީސީ ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.
"...މި މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މި ކޯޕަރޭޝަނުން މި ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން މި މަޝްރޫއު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލު ގެނައުމުގެ އިތުރުން ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާނެ ފަދަ އެކަށީގެންވާ ފައިނޭންޝަލް ޓާމްސްއާ އެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރެވެމުންދާ ކަމުގައި ވެސް ދަންނަވަމެވެ." އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
Finance imaaraathuge massalaigai HDC in 22 million dollar dheyn jehijje
Mihaaru
އެ ކުންފުނިން ބުނިގޮތުގައި، ފައިސާ ދެއްކުމަށް އެޖުޑިކޭޓަރު ނިންމެވި ނިންމެވުމާ ގުޅިގެން މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން މި މަހުގެ ފަހެއްގައި އެންގި އެންގުމާ އެއްގޮތަށް ފައިސާ ދެއްކުމާ ބެހޭ ގޮތުން ބަޔާނުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޮފީސް އިމާރާތުގެ މަސައްކަތްތަކެއް ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައި ވިޔަސް މަސައްކަތް ފަށަން ޖެހޭނީ ލޯނު ހަމަޖެހުނީމާ ކަމަށް އެއްބަސްވުމުގައި އޮންނަ ކަމަށާއި އެކަމަކު ލޯނު ހަމަނުޖެހެނީސް މަސައްކަތް ފަށާފައި އޮތް ކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކުރީގެ ސަރުކާރުގެ އިހުމާލެއް ކަމަށް ކަމަށާއި އެހެންވެ އެ ފައިސާ ލިބެން ޖެހޭނެ ކަމަށް މެލޭޝިއާގެ ކުންފުނިން ބުނެ އެވެ.
"ޔޫ ބިލްޑިންގް"ގެ ނަމުގައި ފިނޭންސްގެ އާ އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. މި ފައިސާ ސަރުކާރުން ދައްކާ ގޮތަށް އޮތީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ