ކައިވެނި ޕާޓީން ބަޔަކު ޕޮޒިޓިވްވުމުން ބޮޑު ޖޫރިމަނާއެއްކޮށް، ބޭސް ފަރުވާގެ ޚަރަދު ދޭން ޖެހިއްޖެ

ރާޖަސްތާން (ޖުލައި 2) - އިންޑިއާގެ ރާޖަސްޕާތާނުގައި ބޭއްވި ކައިވެނި ޕާޓީއަކުން 16 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، ފިރިމީހާ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި ޕޮޒިޓިވްވި 16 މީހުންގެ ތެރޭން އެކަކު ވަނީ މަރުވެފަ އެވެ. ކައިވެނި ޕާޓީތަކުގައި ބައިވެރިވެވޭނެ މީހުންގެ އަދަދަށް ވުރެ އިތުރަށް ޕާޓީ އަށް މީހުން ގެނެސްފައިވާތީ ފިރިހެން ކުއްޖާގެ އާއިލާ ވަނީ 600،000 ރުޕީސް (7،944 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. އެންޑީޓީވީން ބުނެފައި ވަނީ މިދިޔަ މަހު 13 ވަނަ ދުވަހު ބޭއްވި އެ ޕާޓީ އަށް 1،000 މީހުން ދިޔަ ކަމަށެވެ. ޕާޓީތަކުގައި ބައިވެރިވާން ހުއްދަ އޮންނަނީ 50 މީހުންނަށް ވުރެ މަދުންނެވެ.
މީގެ އިތުރުން ޕޮޒިޓިވްވެފައި ތިބި 15 މީހުންގެ ބޭސް ފަރުވާގެ ހުރިހާ ޚަރަދެއް ވެސް ވަނީ ފިރިހެން ކުއްޖާ އަށް ދޭން ޖެހިފަ އެވެ. އަދި އެ ޕާޓީގައި ބައިވެރި މީހުންގެ ތެރޭން ކަރަންޓީން ކުރަން ޖެހުނު 60 މީހުންގެ ކެއިންބުއިމުގެ ހުރިހާ ޚަރަދެއް ވެސް ވަނީ ދޭން ޖެހިފަ އެވެ.
އިންޑިއާގެ ބިހާރު ސްޓޭޓުގައި މިދިޔަ މަހު 15 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަކުން ވެސް ވަނީ 111 މީހުން ޕޮޒިޓިވްވެފަ އެވެ. ޕާޓީ ބޭއްވިތާ އެއް ދުވަސް ފަހުން ވަނީ ފިރިމީހާ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ