ޒިޔާދަށް ކުރި ދައުވާ ގެންދަން ގޮވާލައިފި

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ ބައިވެރިވާ ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒިޔާދުގެ މައްޗަށް އުުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށާ އެއީ އުފަން ކުރުވާފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ސަރުކާރު ހިންގުން ފެއިލްވެ ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ރައީސް ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ދައުވާތައް އުފުލުމަކީ ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
"އެ ގޮތުން ޑރ. ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީވެސް އެފަދަ ޑްރާމާ ސިލްސިލާއެއްގެ ބޮޅެއްކަމް ރައްޔިތުންނަށް އެނގެއެވެ،"
ކޮޗިން ފެރީގެ މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގެެ އިތުރުން ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވުމުން ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން އިދިކޮޅުގެ އިސްވެރިންނަށް ދައުވާ ކުރަނީ ފޯކަސް ގެއްލުވާލަން ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ އިދިކޮޅު ސިޔާސީ ވެރިންގެ މައްޗަށް ދައުވާކޮށް ޖަލަށްލާ ހައްޔަރުކޮށްގެން ފަހަތަށް ނުޖެއްސޭނެ ކަމަށް ބުނެފައެވެ.
ޑރ. ޒިޔާދަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. އެކަމާ ގުޅިގެން، ޕީޖީ އޮފީހުން ބުނީ ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އެގޮތުން، ޑރ. ޒިޔާދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ކުށް ސާބިތުވެއްޖެނަމަ، ޑރ. ޒިޔާދަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ