މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އޮސްޓްރޭލިއާގެ ބޭންކެއް 1 ބިލިއަން އޮސްޓްރޭލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ބޭންކު، ވެސްޓްޕެކް 1.3 ބިލިއަން އޮސްޓްރޭލިއަން ޑޮލަރު (920 މިލިއަން އެމެރިކާ ޑޮލަރު) ޖޫރިމަނާކޮށްފި އެވެ.
އޮސްޓްރޭލިއާގެ ފައިނޭންޝިއަލް ކްރައިމް ވޮޗްޑޯގަކުން މިދިޔަ އަހަރު ވަނީ، ވެސްޓްޕެކް މެދުވެރިކޮށް ހިންގާފައިވާ 19 މިލިއަން ބައިނަލްއަގްވާމީ މުއާމަލާތްތައް ރިޕޯޓުނުކޮށް ސިއްރު ހިފަހައްޓާފައިވާކަން ފަޅާ އަރުވާލައިފަ އެވެ.
އެކަމާ ގުޅިގެން ހިންގި ތަހުގީގުގައި އެންޓި މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމާބެހޭ ގާނޫނާ އެ ބޭންކުން 23 މިލިއަން ފަހަރު ހިލާފުވެފައިވާކަން ވަނީ ސާބިތުވެފަ އެވެ.
އޮސްޓްރޭލިއާގެ މީޑިއާއަށް މައުލޫމާތުދެމުން ވެސްޓްޕެކްގެ ސީއީއޯ ޕީޓާ ކިންގް ވަނީ ބޭންކުން ހިންގި ކަންކަމަށް މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ކަށަވަރުކަން ދެއްވައިފަ އެވެ.
މި ޖޫރިމަނާ އޮސްޓްރޭލިއާގެ ކޯޓަކުން ބަލައިގެންފިނަމަ، މި ވެގެންދާނީ އެގައުމުގެ ތާރީހުގައި ވެސް ކުންފުންޏަކުން މިހާ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހުނު ފަހަރަށެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ކޮމަންވެލްތު ބޭންކު އޮފް އޮސްޓްރޭލިއާ ވަނީ 700 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (493 މިލިއަން އެމެރިކާ ޑޮލަރު) ޖޫރިމަނާކޮށްފަ އެވެ. އެ ބޭންކު ޖޫރިމަނާކުރީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލު ނުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ