ކަރަންޓީން ފީތައް ބޮޑުވެ، ދަރިވަރުން ހާސްކަމެއްގެ ތެރެޔަށް

ރާއްޖެއިން ބޭރުގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ރާއްޖެއަށް އަނބުރާ ގެނެސްފައެވެ. ސެމިސްޓާ ނިމުމުގެ ކުރިން ކްލާސްތަކަށް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ބަދަލުކޮށް ގިނަ ދަރިވަރުން ތިބީ މިހާރު ރާއްޖޭގައެވެ. ނަމަވެސް ބޭރުގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ދިން ލުއިތަކަށް ނިމުން ގެނެސް، ގިނަ ދަރިވަރުން އެނބުރި ކްލާސްތަކުގައި ބައިވެރިވާން މިހާރު ވަނީ އަންގައިފައެވެ.
ކޮވިޑްގެ މިހާލަތުގައި ގިނަ ގައުމުތަކުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތަށް ގައުމުތަކުން ވަރަށް ބޮޑު ގިނަ އަދަދެއްގެ ފައިސާ ނަގައެވެ. ހާއްސަކޮށް މިހާރު ރާއްޖޭގައި ތިބި ކިޔަވާ ކުދިން އެނބުރި ދިއުމަށްފަހު ކަރަންޓީނަށް ބޮޑު އަދަދެއް ހަރަދުކުރަން މިވަނީ މަޖުބޫރު ވެފައެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އެއް ގައުމު ކަމަށްވާ މެލޭޝިއާގެ ކަރަންޓީން މުއްދަތުގެ ފީ އަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މެލޭޝިއާއަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން ކަރަންޓީން މުއްދަތަށް ދައްކަން ޖެހޭ ފައިސާއިން ސަބްސިޑީ ކަނޑާލިކަން މިދިޔަ ބުދަ ދުވަހު ވަނީ އެގަމުގެ ސަރުކާރުން އިއުލާންކޮށްފައެވެ. އެހެންކަމުން ކަރަންޓީން މުއްދަތަށް އެއްކޮށް ފައިސާ ދައްކަން ދަރިވަރުންނަށް މިވަނީ މަޖުބޫރުވެފައެވެ.
ސަބްސިޑީއާއެކު މީގެ ކުރިން ދައްކަން ޖެހެނީ 500 ޑޮލަރެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ ދެ ގުނަ ބޮޑުވެފައެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީ މުއްދަތަށް 4700 މެލޭޝިއަން ރިންގިޓް ދައްކަން ޖެހޭނެއެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 17،390 ރުފިޔާއެވެ. ކަރަންޓީން މުއްދަތުގައި ކަރަންޓީން ސްޓޭޝަންގެ އޮޕަރޭޝަނަށް 2600 ރިންގިޓް ދައްކަންޖެހޭއިރު، ހޮޓެލް ނުވަތަ ޕަބްލިކް ޓްރެއިނިން އިސްޓިޓިއުޓަށް ދުވާލަކު 150 ރިންގިޓް ދައްކަން ޖެހެއެވެ. ރޫމް ޝެއާ ކުރާނަމަ 50 ރިންގިޓް ދައްކަން ޖެހޭނެއެވެ. މިއީ ކޮވިޑް ޓެސްޓްގެ ފައިސާއާ ނުލައެވެ.
މި އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެގައުމަށް ކިޔަވަންދާ ދަރިވަރުންގެ ފްލައިޓްތައް އޮވެއެވެ. ގިނަ ދަރިވަރުން ތައްޔާރުވެފައިވަނީ ސަބްސިޑީއާއެކު ކަރަންޓީން މުއްދަތައް ކަނޑައެޅި ފީ ގެ އަދަދު ދެއްކުމަށެވެ. މިހާރު ގެނެސްފައި މިވާ ބަދަލާއެކު ދަރިވަރުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. އެހީތެރިކަމަށް އެދި ދަރިވަރުން އާދޭސް ކުރަނީއެވެ.
"މި މަހު ކުރީ ކޮޅު މެލޭއަށްދާން ޓިކެޓް ނެގީ. ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް ކުއްލިއަކަށް އެގައުމުން މިވަނީ ސަބްސިޑީ ކަނޑާލާފައި. މިހާރު މިތިބީ ހަދާނެ ގޮތެއް ނޭނގިފަ. އަންނަ ބުދަ ދުވަހު ފުރަން ޖެހޭ. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު އަދަދެއް ހޯދާނީ ކިހިނެއް؟. މިހާރު އޯލްމޮސްޓް 19،000 އެބަ ޖެހޭ ދައްކަން ކަރަންޓީން ފީއަށް. މިކަހަލަ ދުވަސްވަރަކު މިހާ ބޮޑު އަދަދެއް ކުއްލިއަކަށް ހަމަޖައްސާނީ ކިހިނެއް؟،" މެލޭޝިއާއަށް ކިޔަވަންދާން ތައްޔާރަށް ހުރި ޒުވާނަކު ބުންޏެވެ.
ހަމައެކަނޮ މެލޭޝިއާއެއް ނޫނެވެ. އަވަށްޓެރި ސްރީލަންކާއަށް ބަލައިލި ނަމަވެސް ކަރަންޓީން ފީ އެހާ ބޮޑެވެ. އެގައުމުގައި ކަރަންޓީން މުއްދަތަށް ދުވާލަކަށް 12،500 ރުޕީސް ދައްކަން ޖެހެއެވެ. އެއީ 14 ދުވަހަށް ބަލާ ނަމަ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 16،000 ރުފިޔާއެވެ. ކޮވިޑް ޓެސްޓާއެކު ގާތްގަނޑަކަށް 17،000 ރުފިޔާއަށްވުރެ މަތި ވެއެވެ. އެހެންކަމުން ކިޔަވަންދާން ދަރިވަރުންނަށް މިވަނީ ވަރަށް ބޮޑު ހުރަހަކާ ކުރިމަތި ވެފައެވެ.
ބޭރު ގައުމުތަކަށް ކިޔަވަންދާ ގިނަ ކުދިންނަކީ ސްކޮލާޝިޕް ނުވަތަ ސްޓޫޑެންޓް ލޯންގެ އެހީގައި ކިޔަވަންދާ ކުދިންނެވެ. އެހެން ކަމުން ކަރަންޓީން ފީ ހަމަޖެއްސުމަށް ގިނަ ކުދިންނަށް މިވަނީ ވަރަށް ބޮޑު ދަތިތަކާ ކުރިމަތި ވެފައެވެ. ހާއްސަކޮށް ކޮވިޑާ ގުޅިގެން ގިނަ އާއިލާތަކެއްގެ އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދުވެފައެވެ. ކަރަންޓީން ފައިސާ ހަމަނުޖެހިއްޖެނަމަ އެކުދިންނަކަށް ނުދެވޭނެއެވެ. ނުދެވުނު ނަމަވެސް މިހާރު ނަގާފައިވާ ޓިކެޓަށް ރިފަންޑް ލިބޭނެ ގޮތެއްވެސް ނެތެވެ. ޓިކެޓް ހަރަދަކީވެސް ދަރިވަރުން އަމިއްލައަށް ކުރި ހަރަދެއްކަމުން އެކަންވެސް ބޭކާރު ހަރަދަކަށް ވެގެންދާނެތީ ދަރިވަރުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
"ގިނަ ކުދިންނަކީ ސްކޮލާޝިޕެއްގައި ނޫނީ ސްޓޫޑެންޓް ލޯންގައި ކިޔަވާ ކުދިން. ކިހިނެއް މިހާ ބޮޑު އަދަދެއް އެފޯޑް ކުރާނީ. އެވެސް އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. ހާއްސަކޮށް މި ދުވަސްވަރު ގިނަ އާއިލާތަކެއްގެ އާމްދަނީ މިވަނީ ބަންދުވެފަ. ދެން ނުދެވިއްޖިއްޔާ އަނެއްކޮޅުން ޓިކެޓް ރިފަންޑްވެސް ނުލިބޭ. އެއީ ގާތްގަނޑަކަށް 550 ޑޮލަރު. ކިބާ ބޮޑު ވޭސްޓަކަށް މިކަން މިވަނީ،" "ވަން" އާ ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
ކަރަންޓީން ފީއަށް 1000 ޑޮލަރަށްވުރެ ބޮޑު އެއްޗެއް ދައްކަން ޖެހިފައިވާއިރު، ސަރުކާރުންދޭ ލޯނުގެ ފައިސާ ނުވަތަ ސްކޮލާޝިޕްގެ ފައިސާއިން ކަރަންޓީން ފީ ދައްކައިފިނަމަ، އެކޮޅަށް ގޮސް ބާކީ ހުރި ހަރަދުތައް ކުރާނެ ގޮތް ހުސްވާނެތީވެސް، ދަރިވަރުން ތިބީ ކަންބޮޑުވެފައެވެ. ބައެއް ދަރިވަރުންނަށް ވަނީ ކޯސް ހުއްޓާލަން ޖެހި، ރާއްޖޭގައި މަޑުކުރަން ޖެހިދާނެ ކަމުގެ ބިރުވެސް ހީވެފައެވެ.
"ސަރުކާރުން މަހަކު ގާތްގަނޑަށް ދެނީ 500 ޑޮލަރު. ކޮންމެ ހަމަހަކުން އެއް ފަހަރު ދޭނީ. އޭގެ ތެރެއިން 1000 ޑޮލަރަށްވުރެ ބޮޑު އެއްޗެއް ކަރަންޓީނަށް ދައްކަން ޖެހުނީމަ ދެން ރެންޓަށް ޕޭކޮށްފަ، ޔުޓިލިޓީއަށް ޕޭކޮށްފަ، ކިހިނެއް މެނޭޖް ކުރާނީ. އެއީ ސަރުކާރުންދޭ ސްޓިޕެންޑެއް މަންތުލީ. މިހާރުވެސް މަހަކު 300 ޑޮލަރު ރެންޓަށް ދައްކަން ޖެހޭ. ވިސްނާލަބަލަ ދެން ގިނަ ކުދިން އުޅޭނެ ހާލު،" ޒުވާނަކު އޭނާގެ އުދާސްތައް "ވަން" އާ ހިއްސާ ކުރަމުން ބުންޏެވެ.
ދަރިވަރުން މިވަނީ ހާސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެހީތެރިކަމަށް އާދޭސް ކުރަން ޖެހިފައެވެ. ސަރުކާރުގެ މުއައްސަސާތަކަށްވެސް ދަރިވަރުން މިވަނީ އާދޭސް ހިފައިގެން "ޓަކި" ޖަހައިފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއަށް ވަނީ ޕެޓިޝަން ހުށަހަޅައިފައެވެ.
ފީއާ ގުޅިގެން 50 އަށްވުރެ ގިނަ ކުދިން ސޮއިކޮށް، ފޮނުވި ޕެޓިޝަންގައި ވަނީ މެލޭޝިއާގެ ސަރުކާރުން ގެނައި ބަދަލާއެކު ވަރަށް ގިނަ ދަރިވަރުންނަށް ކުރު މުއްދަތެއްގެ ތެރޭގައި އެފައިސާ ހަމަޖައްސަން ދަތިވެފައިވާ ކަމަށެވެ. ބައެއް ކުދިންނަކީ ކްލާހަށް ހާޒިރުވުން މަޖުބޫރު ކުދިން ކަމަށެވެ. ގިނަ ކުދިންނަކީ ސްކޮލާޝިޕާއި ސްޓޫޑެންޓްސް ލޯނުން ކިޔަވަމުން އަންނަ ދަރިވަރުން ކަމަށް ވުމުން، ކުއްލި ގޮތަކަށް އެހާ ބޮޑު އަދަދެއް ހަމަޖެއްސުމަށް ދަތިވެފައިވާ ކަމަށް ޕެޓިޝަންގައި ވެއެވެ.
ޕެޓިޝަންގައި ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ހައްލެއް ހޯދައިނުމަށް ދަރިވަރުން ވަނީ އެދިފައެވެ. ކަރަންޓީން ފީ އާ ގުޅިގެން މީގެ ދެމަސް ކުރިން މެލޭޝިއާގައި ކިޔަވާ ދަރިވަރުން ވަނީ ހައި ކޮމިޝަން ވައިބާ ގްރޫޕްގައިވެސް އެކަމަށް ހައްލެއް ދިނުމަށްއެދިފައެވެ. އެކޮމިޝަނުން ވަނީ ދަރިވަރުންގެ ހާލަތު ގަބޫލު ކުރެވޭ ކަމަށާއި ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ކޮމިޝަނުން އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށާއި ހައްލު ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށް ބައެއް ދަރިވަރުން ބުނެއެވެ. އަދި ޕެޓިޝަން ހުށަހެޅުމުން އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ދަރިވަރުންބުނެއެވެ.
"އުންމީދު މި ކުރަނީ ސަރުކާރުން މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހައްލެއް ހޯދައިދިނުން. ގައުމުތަކާ ވާހަކަ ދައްކައިގެން ކޮންމެވެސް ކަހަލަ ލުޔެއް ލިބޭނެ ގޮތް ފަހިކޮށް ދިނުން. ނޫނީ ކޮންމެވެސް ވަރެއްގެ ފީ އެއް ސަރުކާރުން ދައްކައިދިނުން،" މެލޭޝިއާއަށް އަންނަ ބުރާސްފަތި ދުވަހު ދިއުމަށް ތައްޔާރުވެގެން ހުރި ޒުވާނަކު ބުންޏެވެ.
ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ކަރަންޓީން ފީ މިވަނީ ވަރަށް ބޮޑު ހަރަދަކަށްވެފައެވެ. ހާއްސަކޮށް މި ދުވަސްވަރު އެފަދަ ބޮޑު އަދަދެއް ދެއްކުމަށް ގިނަ ކުދިން މިވަނީ ނުކުޅެދިފައެވެ. އެހެން ކަމުން ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައި ނުދީފިނަމަ ގިނަ ކުދިންނަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވާނެއެވެ. ބައެއް ކުދިން ތިބީ ކޯސް ހުއްޓާލަންޖެހިދާނެ ކަމުގެ ބިރު ހީވެ، މާޔޫސްވެފައެވެ. އެކުދިން ތިބީ އެހީތެރިކަމަށް ވަރަށްވެސް ބޮޑަށް ބޭނުން ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ