ރ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކުން 49 ބިދޭސީއަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 49 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރ. އަތޮޅު ކައުންސިލާ ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ދަށުން ބިދޭސީންތައް ހައްޔަރުކުރީ އެ އަތޮޅު އުނގޫފާރު ކައިރީގައި ރިސޯޓު ހަދަމުން އަންނަ އެއްތިގިލިން ކަމަށެވެ. މި މީހުންގެ ތެރޭގައި ޕާސްޕޯޓް ގެއްލިފައިވާ ފަރާތްތަކާއި ވިސާ ނުދައްކާ މީހުންނާއި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މި މީހުން މިހާރު ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ ރ. އަތޮޅުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން ދާތީ އާއި ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުންގެ ތެރޭގައި ބިދޭސީން އިތުރުވަމުންދާތީ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ރަސްމީ އަދަދެއް ނޭނގުނު ނަމަވެސް މި އަދަދު 40،000 އާ ގާތްކުރާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. އިމިގްރޭޝަނުން ވަރަށް ފަހުން ވަނީ ގަވައިދާ ހިލާފަށް އެކި ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން އެ މީހުންގެ އަސްލު ވަޒީފާއަށް ބަދަލުކުރުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތްކުރުމަކީ އިމިގްރޭޝަން ގާނޫނުގެ ދަށުން މަނާކަމެއް ނަމަވެސް މިއީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ