މޮސްކޯގޭ އަލީ ޖަލީލާ ގުޅުވައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަ ސަލަފުން ދޮގުކޮށްފި

ހ. މޮސްކޯގޭ އަލީ ޖަލީލާއި ޖަމިއްޔަތުއް ސަލަފާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ސަލަފުން ދޮގުކޮށްފިއެވެ.
ސަލަފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އަލީ ޖަލީލަކީ ދުވަހަކު ވެސް ސަލަފުގައި މަސައްކަތް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އޭނާއަކީ ސަލަފަށް ނިސްބަތްވާ އިލްމުވެރިންގެ އިތުރުން ރާއްޖޭގެ އެކި އިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުން ކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން އަލީ ޖަލީލުގެ ފިކުރަށް ތަބާވާ މީހުންވެސް އެހެން ބުނެފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ރައީސް ނަޝީދު ފަދަ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދޭ، އަސްލެއް ނެތް ވާހަކަތައް ފެތުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ދުލުން ބޭނުން ކުރާ ކޮންމެ ކަލިމަޔަކާއި މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ހަނދާން ބެހެއްޓުމަށާއި، މަޖިލީހުގެ އެންމެހާ މެންބަރުން ދޫރައްކާތެރި ކުރުމަށް ސަލަފުން ނަސޭހަތްތެރި ވިއެވެ.
މޮސްކޯގޭ އަލީ ޖަލީލަކީ ޖާނުން ފިދާވެ ޕާކިސްތާނުގެ ލާހައުރުގައި ދިން ބޮމުގެ ހަމަލާއެއްގައި މަރުވެފައިވާ ހަރުކަށި ފިކުރުގެ މީހެއް ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ