ޖުޒާމްބަލި ފެތުރޭ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ބުނުމުން އެތައް ބައެއްގެ ފާޑު ކިޔުން!

ގދ. ފަރެސްމާތޮޑާގައި ނުރައްކާތެރި ޖުޒާމްބަލި ފެތުރެމުންދާކަން އިއުލާނު ކުރުމަށްފަހު އެއީ އޮޅުމެއް ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ހެލްތު މިނިސްޓްރީއަށާއި ސަރުކާރަށް އަމާޒުވެއްޖެއެވެ.ފަރެސްމާތޮޑާގެ ހެލްތު ސެންޓަރުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ޖުޒާމްބަލި ނުވަތަ ލެޕްރެސީ ފެތުރެމުންދާތީ އެބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ބޭނުންވާކަމަށެވެ. އަދި 1960ގެ އަހަރުތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދިޔަ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޖުޒާމްބަލި އެރަށުގައި ފެތުރެމުންދާ ކަމަށް މީސްމީޑިއާގައިވެސް ދައުރުވި އެ އިއުލާނުގައި ވަނީ ބުނެފައެވެ.އެ އިއުލާނުގައިވަނީ ފަރެސްމާތޮޑާގައި އެ ބައްޔަށް ފަރުވާ ދެމުންދާ މީހުން ތިބި ކަމަށާ އެބައްޔަކީ ވަރަށް ނުރައްކާތެރި އަދި ކޮންމެފަދަ އިންސާނަކަށްވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ. އަދި މިއަހަރުގެ ޖުލައިމަހުގެ ފަހުކޮޅުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ،އެޗްޕީއޭގެ ޓީމެއް އެރަށަށް ގޮސް ހިންގި ސްކްރީނިން ޕްރޮގްރާމަށް އެހާ ބޮޑު ތަރުހީބެއް ނުލިބި ކަނޑައެޅިފައިވާ އަމާޒު ހާސިލު ކުރެވިފައި ނުވާތީ އަލުން ސްކްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށްވެސް ވަނީ ބުނެގައެވެ. އެހަބަރު ފެތުރި އާންމުންގެ ތެރޭގައި ބޮޑު ކަންބޮޑުވުމެއް އުފެދިގެން ދިއުމުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފަރެސްމާތޮޑާގެ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި ޖުޒާމްބަލި ފެތުރެމުންދާކަމަށް އެ އިއުލާނުގައި ލިޔެވިފައިވަނީ މުވައްޒަފަކަށް އޮޅިގެންނެވެ.ނަމަވެސް، އެ އިއުލާންގައި ބުނެފައިވާ ގޮތަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ކަމަށާއި އެއީ ޖުޒާމް ބަލި ރާއްޖޭން ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެޗްޕީއޭއާ ގުޅިގެން ހިންގާ ޕްރްގްރާމްގެ ތެރެއިން ކުރި ކަމެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ފަހުން އެޗްޕީއޭއިންވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ޖުޒާމްބަލި މަދު މަދުންނަމަވެސް ރާއްޖެއިން ފެންނަމުންދާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އެބަލި ޖެހުނު ތިން މީހުން ފެނިފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.އެހެންނަމަވެސް އެ ބަލި ހުރި މީހުން ފެނިފައިވަނީ ކޮން ރަށަކުން ކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. ރާއްޖޭގެ ރަށެއްގައި ޖުޒާމްބަލި ފެތުރެމުންދާ ކަމަށް ބުނެ އިއުލާނެއް ނެރުމަށްފަހު އެއީ އޮޅުމެއް ކަމަށް ބުނުމުން ގިނަ ރައްޔިތުން އަންނަނީ ކަމާބެހޭ ފަރާތްތަކަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެވަރުގެ ބޮޑު ކަމެއް އޮޅުމަކުން ހިނގުމަކީ އެފަދަ ކަމެއް ކުރެވުނު މީހަކު ފެއިލް ވުން ކަމަށާއި، އެއީ މަސްއޫލިައްޔަތު އަދާ ކުރުމަށް ކުފޫ ހަމަ ނުވާ ކަމުގެ ހެއްކެއް ކަމުގައިވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ