އެމްޑީޕީގެ ރައީސްގެ މަގާމަށް ނަޝީދު ކުރިމަތިލައްވައިފި

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާ، އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޯމް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދުގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ.
ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވީ އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބައެއްގެ ސޮޔާ އެކު އެވެ. MDP ge Raees kamah kurimathi lehvumah Raees @MohamedNasheed form hushahalhuvvaifi pic.twitter.com/TNg5g0o4eN— MDP Secretariat (@MDPSecretariat) October 19, 2019
އެމްޑީޕީގެ ރައީސާއި ނައިބް ރައީސްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިއަދު މެންދުރުފަހު 12:00 ޖެހިއިރު އެވެ.
މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެމްޑީޕީގެ ރައީސް ކަމަށް ރައީސް ނަޝީދު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީގެ ނައިބް ރައީސް ކަމަށް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވަނީ ކުރިމަތިލައްވާފަ އެވެ.
އެމްޑީޕީގެ ނައިބް ރައީސް ހޮވުމުގެ އިންތިހާބު ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު އަސްލަމާއި ޝިފާޒު ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ