މި ގައުމު ސަލާމަތް ކުރާނީ އިދިކޮޅު މީހުންގެ ވޯޓާ ވެސް އެކު: ޑރ. ޝަހީމް

ކުރިއަށް އޮތްް ރިޔާސީ އިންތިޚާބުގައި މި ގައުމު ސަލާމަތް ކުރާނީ އިދިކޮޅު މީހުންގެ ވެސް ވޯޓާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ރޭ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިން ރައީސް ޔާމީނަށް ތާއީދު ކުރައްވަނީ އިސްލާމްދީނާއި ގައުމަށްޓަކައި ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާއި މިސްކިތްތަކުގެ އިމާމުންނާއި އިސްލާމް ޓީޗަރުންނާއި ގުރުއާން ޓީޗަރުންނާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. އެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި ސަބަބަކީ އިދިކޮޅު ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުކޮށްފިނަމަ ކަންތައް ވެގެންދާނެ ގޮތް އެބޭފުޅުންނަށް އެނގިވަޑައިގަނަވާތީ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. "އެ އެންމެނަން ގަސް އެނގޭ މި ރާއްދޭ ކަންތަތި ހިގަމުން އިޔަން ލިކާއި މި ސަރުކާރަ ބަދަލޭގަފެހޭ ކަންތަތި ވެނަ ލިކާއި. އަހަނަ މި އިންތިޚާބު ކާމިޔާބު ކެރަނަ، މި އިންތިޚާނުގެ އެތެރަން ވެދަ މިތޯ ސީދާ އިސްލާމްދީނާއި ދިވެހި ގައުމަށްޓަކައި،" ހުވަދޫ ބަހުރުވައިން ޑރ. ޝަހީމް ވިދާޅުވިއެވެ. "އެ އެންމެނަށް ވެސް އެނގޭ މި ރާއްޖޭގައި ކަންތައްތައް ހިނގަމުން އަންނަ ގޮތާއި މި ސަރުކާރު ބަދަލުވެއްޖެނަމަ ކަންތައް ވެގެންދާނެ ގޮތް. އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބު ކުރަން، މި އިންތިޚާބުގެ ތެރެއަށް ވަދެ މި ތިބީ ސީދާ އިސްލާމްދީނާއި ދިވެހި ގައުމަށްޓަކައި." ކޮންމެ ޕާޓީއަކު ހުއްޓަސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަށް ޑރ. ޝަހީމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ޑރ. ޝަހީމް ވިދާޅުވީ، ޖަލަށްލާފައި ބަޔަކު ތިބި ކަމަށް ބައެއް މީހުން ނަމަމުން އަންނަ ކަމަށާއި ނަމަވެސް މިއީ ޖަލާ ބެހޭ ގޮތުން ވިސްނަންވީ ވަގުތު ނޫން ކަމަށެވެ. މިވަގުތު މަސައްކަތް ކުރަންވީ ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކަމަށާއި ޖަލާ ބެހޭގޮތުން ވިސްނަންވީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއަދު މިތިބީ ސިޔާސީ ގޮތުން ވަރުގަދަ ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި އެއްކޮޅުން އޮތީ ޔޫރަޕް ކަމަށާއި އަނެއް ކޮޅުގައި ހުންނެވީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީނާ ހަމަޔަށް ބަޔަކަށް އާދެވޭނީ އެބޭފުޅުން ހަލާކުކޮށްލުމަށްފަހު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. "އަހަނަ މިތޯ ސިޔާސީގޮތުން ވަރަގަދަ ހަނގަރާމާކަންވަދެ. އެއްކޮޑު އޮއްތޫ ޔޫރަޕާ. އެނަށްކޮޑު އޮއްތޫ އަހަންނަގަ ރައީސުލްޖުމްހޫރިއްޔާ. ބައެކު މީހިނަ ބޮނިޔާ އިޔާ ހުންނޯ އެކަނިއޯ. އިޔާ އިޔާ އެކަނި ނުވެންނޭ. އަހަނަ މިތޯ އިޔާ ގާތު. އަހަނަ ހަލާހިކޮށްލޭ ރައީސުލްޖުމްހޫރިއްޔާ ހަމާން އާވިޔަންނޯ އިރާދަކެރައްވީފެހޭ،" ޑރ. ޝަހީމް ހުވަދޫ ބަހުރުވައިން ވިދާޅުވިއެވެ. "އަޅުގަނޑުމެން މިތިބީ ސިޔާސީގޮތުން ވަރުގަދަ ހަނގުރާމައަކަށް ވަދެ. އެއްކޮޅުގައި އޮތީ ޔޫރަޕް، އަނެއްކޮޅުގައި ހުންނެވީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ. ބަޔަކު މީހުން ބުނެފި އެމަނިކުފާނު ހުންނަވަނީ އެކަންޏޭ. އެމަނިކުފާނު އެކަންޏެއް ނުވާނެ. އަޅުގަނޑުގަނޑުމެން މިތިބީ އެމަނިކުފާނު އަރިހު. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އާދެވޭނީ އަޅުގަނޑުމެން ހަލާކުކޮށްލުމަށްފަހު."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ