ވީޓީވީން ބާއްވާ ސްކޫލު ކުދިންގެ ލަވަ މުބާރާތް އެޑިއުކޭޝަނުގެ އެދުމުގެ މަތިން ފަސްކޮށްފި

ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވީޓީވީން ބާއްވާ ލަވަ މުބާރާތް، ވީޓީވީ ސްކޫލު އައިކަން، އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ފަސްކޮށްފި އެވެ.
އެ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ، ސްކޫލުތަކުގައި ބާއްވާ އިތުރު ހަރަކާތްތައް ޑެންގީއާ ގުޅިގެން މަދުކުރުމަށް އެޑިއުކޭޝަނުން އިލްތިމާސްކޮށްފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން، ކުރިން މިއަދު ފެށުމަށް ހަމަޖައްސާފައިވާ އެ މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ. ވީޓީވީން ބުނިގޮތުގައި ދެން އެ މުބާރާތް ފަށާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
"އަޅުގަނޑުމެން އުއްމީދުކުރަން އެހާތަނަށް ވާއިރު މިރޯގާ ރަނގަޅުވެދާނެ ކަމަށް. ރަނގަޅުވެއްޖެ ނަމަ 14 ވަނަ ދުވަހު މުބާރާތް ފަށާނަން،" މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.
ފަސް އުމުރުފުރައަކުން ދަރިވަރުން ބައިވެރިވާ މި މުބާރާތުގެ މަގްސަދަކީ ވީޓީވީން ބުނިގޮތުގައި ލަވަ އާއި މިއުޒިކްގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދީ، އެ ކުދިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް އެކުވެރި މާހައުލެއްގައި ވާދަކޮށް މޮޅެތި ފަންނާނުންތަކެއް އުފެއްދުމެވެ. މާލޭގެ އަށް ސްކޫލަކުން ބައިވެރިވާ މި މުބާރާތުގެ އޯޑިޝަން ބުރު މިހާރު ވަނީ ނިމިފަ އެވެ.
ކުރިން ކޮންމެ އަހަރަކު އެއް ފަހަރު ސްކޫލު ކުދިންގެ ލަވަ މުވާބާރާތުގެ ނަމުގައި (ކުރީގެ) ޓީވީއެމުން ލަވަމުބާރާތެއް ބާއްވަ އެވެ. ނަމަވެސް އެ މުބާރާތް މިހާރު ކުރިއަށް ނުގެންދާތާ ދެތިން އަހަރެއް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ