އެއްވެސް މީހެއްގެ ނުރުހުމުގައި ނޫނީ އޮޅުވާލައިގެން ޕާޓީއަށް ނުވައްދަން: ޕީއެންސީ

އެއްވެސް މީހަކަށް އޮޅުވާލައިގެން ނުވަތަ ނޭނގި ޕާޓީއަށް ވައްދާފައި ނުވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއިން ބުނެފިއެވެ.
ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީއަށް ފޯމް ފުރިއްވި ހުރިހާ ބޭފުޅުންވެސް އެކަން ކުރެއްވީ ހިތުން ރުހުމުން ޕީއެންސީއަށް ސޮއިކުރެއްވުމަށް ކަމަށެވެ.
"އެއްވެސް މީހެއްގެ ނުރުހުމުގައި ޕީއެންސީއަސް ސޮއިކުރުވާފައެއް ނުވާނެ. އަދި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައިވެސް ޕީއެންސީއަށް ފޯމް ފުރުވާފައެއް ނުވާނެ" އަބްދުއް ރަހީމް ވިދާޅުވިއެވެ.
އަބްދުއް ރަހީމް މިހެން ވިދާޅުވީ އެޕާޓީއަށް އޮޅުވާލައިގެން މީހުން ވައްދާފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެޕާޓޫީން ހުށަހެޅީ ފޯމްތައް ވެރިފައި ކުރާނެ ކަމަށް އިލެކްޝަނުން އިއުލާން ކުރުމާއި ގުޅިގެންނެވެ.
ބުރާސްފަތި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ޕީއެންސީއިން 4000 ފޯމް އިލެކްޝަނަށް ހުށަހެޅުމާއެކު ގިނަ ބަޔަކު އެކޮމިޝަނަށް ގުޅައި އެޕާޓީން ހުށަހެޅި ފޯމް ތަކުގައި އެމީހުންގެ ނަންތައް ހިމަނާފައިވޭތޯ ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.
"މިއީ އަދި މިހާތަނަށް ކުރެވުނު ޝަކުވާއެއް ނޫން. އެހެން ކަމުން އަޅުގަނޑުމެން ނިންމީ ފޯމްތައް ވެރިފައި ކުރުމަށް. އެހެންވީމަ އެ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ޝަރީފް ވިދާޅުވިއެވެ.
ޕީއެންސީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް 4000 ފޯމް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އިލެކްޝަން ކޮމިޝަނުން ޕީއެންސީއަށް މެމްބަރުން ހަމަކުރުމުގެ ހުއްދަ އަބްދުއް ރަހީމަށް ދީފައި ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޖެހިގެން އައި 28 ވަނަ ދުވަހު އެ ޕާޓީއަށް ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަވެއްޖެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެފޯމްތައް އިލެކްޝަނަށް ހުށަހެޅީ އޭގެ 12 ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ