"މޫނު ބުރުގާ އަޅައިގެން ހުއްޓަސް މިހާރު ވަޒީފާ ލިބޭނެ، ވަޒީފާއިން ވަކިކުރި ޓީޗަރުންނަށް ވަޒީފާ އިއާދަކޮށްދީފިން"

މޫނު ބުރުގާ އަޅައިގެން ހުއްޓަސް މިހާރު ސްކޫލުތަކުން ވަޒީފާ ލިބޭނެ ކަމަށާއި މޫނު ބުރުގާ އަޅާތީ ވަޒީފާއިން ވަކިކުރި ޓީޗަރުންނަށް ވަޒީފާ އިއާދަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ މީހާ ހުންނަ ގޮތަކުން އޭނާގެ ވަޒީފާ ގެއްލިގެން ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ މީހާ ހުންނަ ގޮތަކުން އޭނާގެ ވަޒީފާ ގެއްލިގެން ދާނެ ކަމަކަށް. މޫނު ބުރުގާ އަޅައިގެން ހުއްޓަސް، މޫނު ބުރުގާ ނާޅާ ހުއްޓަސް ވެސް އަޅުގަނޑުމެން ސްކޫލުތަކުން ވަޒީފާ ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ މިދިޔަ ސަރުކާރުން ވަޒީފާއިން ކަނޑާލި ޓީޗަރުންނަށް ވަޒީފާ އިއާދަކޮށްދީފައިވާނެ ކަމަށާއި މޫނު ބުރުގާ އަޅައިގެން އަލަށް ވަޒީފާއަށް ވަންނަން ބޭނުންވާ ޓީޗަރުންނަށް ވެސް އެ ފުރުސަތު ތަނަވަސްކޮށްދެމުންދާ ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން އުޅޭ ޓީޗަރުންނަށް ވަޒީފާ ދެނީ ޝަރުތުތަކަކާއެކު ކަމަށާއި އެ ޝަރުތުތައް އެ ޓީޗަރުން ބަލައިގަނެ އެކަމަށް އެއްބަސްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޮންޑިޝަނެއް އޮވޭ. އެ ކޮންޑިޝަނަކީ ދަރިވަރަށް އެނގެން ވާނެއޭ ކާކުކަން ކިޔަވައިދެނީ. އެއީ ކިޔަވައިދޭނީ އަނގައިން މިދައްކާ ވާހަކަ އެކަންޏެއް ނޫން. މީހާގެ ފޭޝަލް އެކްސްޕްރެޝަންއާއި އޮންވާބަލް ބިހޭވިއާ، އެއީ ވަރަށް މުހިންމު އެއްޗެއް ދަރިވަރުންނަށް އެއްޗެއް އަންގައިދިނުމަށް. އެގޮތަށް ވަޑައިގަންނަވާ މުދައްރިސުން ވެސް ހަމަ ގަބޫލު. މުދައްރިސުން ކަމަށްވާތީ އެބޭފުޅުންނަށް ވެސް އެނގިލައްވާ އަޅުގަނޑުމެން މިދައްކަނީ ރަނގަޅު ވާހަކަކަން. އެކަމަކު އަޅުގަނޑުމެން އެބޭފުޅުންނަށް އިންތިޒާމެއް އެބަ ހަމަޖައްސައިދެން މިގޮތަށް ކިޔަވައިދޭން،" މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ