މުސްލިމުންގެ މައްސަލާގައި ފިޔަވަޅު އަޅާނަމަ ޗައިނާއިން ރައްދުދޭނެ

ބެއިޖިންގް (ނޮވެމްބަރު 27) - ޗައިނާގައި ދިރިއުޅޭ އެއް މިލިއަން ވީގޫރު މުސްލިމުން ޓެރަރިޒަމް ކޮންޓްރޯލް ސެންޓަރުތަކުގައި ހިފަހައްޓައިގެން ގެންގުޅޭކަމުގެ ތުހުމަތުތަކާއި ގުޅިގެން، އެމެރިކާއިން ޗައިނާ އޮފިޝަލުންނާއި ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އެކަމަށް ރައްދުދޭނެކަމަށް އެގައުމުން ބުނެފި އެވެ.
ވީގޫރު މުސްލިމުންނަކީ ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ބަޔެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ 45 ޕަސަންޓަކީ ވީގޫރު މުސްލިމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން އެތަކެއް އަނިޔާއެއް ދެމުންގެންދާ ކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.
އެކަމާއި ގުޅިގެން، އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރުވަނީ، ޓެރަރިޒަމާއި ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތް ކުރަމުންދާއިރު، ޗައިނާ އާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކޮށްފަ އެވެ.
މިގޮތުން ސަފީރު ވަނީ އެމެރިކާއިން އިސްލާމިކް ސްޓޭޓް ފަދަ ދީނީ ހަރުކަށި ޖަމާއަތްތަކާއި ދެކޮޅަށް އެމެރިކާއިން ކުރަމުންދާ "ހަނގުރާމަ" މިސާލެއްގެ ގޮތުގައި ނަންގަވައިފަ އެވެ.
ޝިންޖަންގް ސަރަހައްދުގައި މަދުން ނަމަވެސް ހިނގަމުންދާ ހަމަނުޖެހުމުގެ ފަހަތުގައި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަމަށް ޗައިނާ ސަރުކާރުން ދަނީ ތުހުމަތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ