ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މިދަނީ މަސައްކަތް ކުރަމުން: ޝާހިދު

އެކިއެކި ޤައުމުތަކާއި ޖަމިއްޔާތަކާއި އެކު ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖެ އަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ނަން-އެލައިންޑް މޫވްމެންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓުގައި އަޒަރުބައިޖާނުގެ ބަކޫ ގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މި ސަރުކާރުން ނިމިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ކުރިއަށްގެންދާ ސިޔާސަތުތަކާއި ބެހޭ ގޮތުން އަލިއަޅުއްވާލެއްވިއެވެ. އަދި ނާމްގެ ޤައުމުތަށް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމާއި، މޫސުމީ ބަދަލުތައް ފަދަ މައްސަލަތަކަށް ނާމްފަދަ ޖަމްއިއްޔާތަކުން އަހުލުވެރިވާން ޖެހޭކަމަށާއި، މިމައްސަލަތަކަށް ހައްލު ހޯދޭނީ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެތުމަށް އަމާޒުހިފައިގެންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.ހަމައެއާއިއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކަށް ޤައުމުތައް ގުޅިގެން ކުރިމަތިލުމާއި ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ފެނާއި ކާބޯތަކެއްޗާއި، ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ދިވެހިރާއްޖެއިން އަބަދުވެސް އަޑުއުފުލާނެކަމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ޤައުމުތަކަށް ބާރު އަޅާނެކަމަށް ވިދާޅުވިއެވެ.ފަލަސްތީނުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެމުންދާ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު ތަކުރާރުކުރައްވާފައެވެ.ނަން އެލައިންޑް މޫވްމެންޓް އަކީ އެމެރިކާއާއި ސޯވިއެޓް ޔޫނިއަން އާއި ދެމެދު ހިނގި ފިނި ހަނގުރާމައިގެ ދުވަސްވަރު ވަކިކޮޅަކަށް ނުޖެހި ތިބުމަށް މީގެ 58 އަހަރު ކުރިން އުފެދުނު ޖަމާއަތަކެވެ. އެ ޖަމާއަތުގައި 120 ޤައުމުން ބައިވެރިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ