އިރާގު ސަރުކާރާ ދެކޮޅު ހަމަނުޖެހުންތަކުގައި އިތުރު 40 މަރު

ބަޣުދާދު (އޮކްޓޯބަރު 26) - އިރާގު ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި އިތުރު 40 މީހުން މަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ހަމަނުޖެހުންތަކުގައި ދެ މީހަކު ވެރިރަށް ބަޣުދާދުން މަރުވެފައި ވަނީ ސަލާމަތީ ފަރާތްތަކުން ފޮނުވާލި ކަރުނަ ގޭސް ކެނިސްޓާގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނި ގޮތުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވެފައި ވަނީ ސަރުކާރުގެ އޮފީސްތަކަށް ވަންނަން އުޅެނިކޮށެވެ. ހަމަނުޖެހުންތަކުގައި ވަނީ 2،000 މީހުން ޒަޚަމްވެފަ އެވެ.
ސަރުކާރުގެ އިމާރާތަކަށް ވަންނަން ދިޔަ މީހުން އިރާގުގެ ސަލާމަތީ ފަރާތްތަކުން ހުއްޓުވަނީ. --ފޮޓޯ:ރޮއިޓާސް
މުޒާހަރާ ކުރާ މީހުން ދަނީ ވަޒީފާތައް އިތުރުކޮށް، އާއްމުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ގޮވާލަމުންނެވެ.
އިރާގު ސަރުކާރާ ދެކޮޅަށް މިމަހު ކުރީކޮޅު ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ވަނީ 150 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވަނީ މުޒާހަރާ ކުރާ މީހުންގެ ޑިމާންޑްތަކަށް އިޖާބަ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި އިސްލާހީ ޕެކޭޖެއް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ