ކަނޑުހުޅުދޫގައި ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރިއިރު، އަޅާނުލުމުން ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދައުވާ ކޮށްފި

ގއ. ކަނޑުހުޅުދޫ ތުއްތު ކުއްޖާއަށް ބެލެނެވެރިން އަޅާނުލި މައްސަލާގައި، އެކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުރާސްފަތި ދުވަހު ބުނީ، ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެޤާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅާފައިނުވުމުގެ ކުށުގެ ދަޢުވާ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، އެމައްސަލާގައި އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ކުއްޖާގެ ކާފަގެ އިތުރުން، މުނި ކާފައަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުސްވި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހުއެވެ. އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅިގެން ކުރިން ދައުރުވި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް އުޅެނިކޮށް އެކުއްޖާގެ ބޮޑުދައިތައެއް އެ ކުއްޖާ ބަލަން ގެންދަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި އެ ކުއްޖާގެ ބޮޑުދައިތަ އޭނަ ރީތިކުރަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާކަމަށް ބުނުމުން، އަނިޔާ ލިބިފައިހުރި ކަމުގެ ނިޝާންތައް ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ކުއްޖާއަށް ބޮޑެތި ހާނިކަ ވެފައިވާ ކަމަށް މި ޕޯސްޓުގައި ބުނެފައިވެއެވެ.
ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުށްވެރިންނަށް ޙައްޤު ޢަދަބު ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކަމާބެހޭ އިދާރާތުގައި އެދިވަޑައިގެންފައެވެ. ކުއްޖާގެ ބައްޕަވެސް ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ މައްސަލާގައި ތަހުޤީޤު ފުރިހަމަ ކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މަޝްވަރާ ކުރުވުމަށްފަހު ފެބްރުއަރީ 17 ވަނަ ދުވަހުގެ 14:30 ގައި ކުއްޖާގެ ބައްޕަ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކަނޑުހުޅުދޫ ގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެ ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް ވެސް ޕީޖީ އޮފީހުން ވަނީ ދަޢުވާ ކޮށްފަ އެވެ.
ޕީޖީގެ އޮފީހުން ބުނީ، ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ މިމަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ